ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ މިންވަރު ދަށް ކޮށްފިއެވެ.
ވޯލްޑް ބޭންކުން އާންމުކުރި "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް" ރިޕޯޓުގައި ވަނީ މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާ ކުރި މިންވަރަށް ވުރެ %3.4 ދަށް ވާނެ ކަމަށް ލަފާކޮށްފައެވެ.
މިއާއެކު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު މިހާރު ހުންނާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރަނީ %7.6 ގައި އެވެ.

ވޯލްޑް ބޭންކްގެ ރިޕޯޓްގައި ރާއްޖޭގެ މިއަހަރުގެ އިގްތިސާދީ ހާލަތު ދަށްވާނެ ކަމަށް ލަފާކޮށްފައިވަނީ ރަޝިޔާ – ޔޫކްރެެއިން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށް ލަފާކޮށެވެ. އަދި އެކަމުގެ ސަބަބުން ލަފާކުރި ވަރަށް އިންވެސްޓްމަންޓްތައް ނުލިބޭނެ ކަމަށްވެސް ރިޕޯޓްގައި ލަފާކޮށްފައިވެއެވެ.
މި ރިޕޯޓްގައި ވޯލްޑްބޭންކުން ވަނީ މިސަރަަހައްދުގެ އެހެން ގައުމުތަކުގެވެސް އިގްތިސާދީ ހާލަތު ދަށްވާނެ ކަމަށް ލަފާކޮށްފައެވެ. އަދި މިސަރަހައްދުގެ އެހެން ގައުމުތަކުގެ އިންފްލޭޝަންގެ ރޭޓް މަތީގައި އުޅޭތީ އެކަމުގެ އަސަރު އެގައުމުތަކުގެ އިގްތިސާދަށް ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު ރާއްޖޭގެ އިންފްލޭޝަންގެ ރޭޓް ކަންބޮޑުވާ މިންވަރަށް މަތިނުވެ ހުރިކަންވެސް ފާހަގަކޮށްފައިވެއެވެ.