Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އިގުތިސާދުގެ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަށް: ރައީސް

ރާއްޖޭގެ އިގުތިސާދީ ހާލަތާ މެދު އޮޅުންއަރާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސްގައި ރައީސްގެ ވިދާޅުވީ މީޑިއާތަކުގައި ވެސް މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ވާހަކަ ކަމަށެވެ. އެކަމަކު އެ ވާހަކަ ބައެއް ފަރާތްތަކުން ދައްކަނީ ސިޔާސީ ބޭނުމަށް ސިޔަސީ މަންފާ ހޯދުމުގެ ބޭނުމުގައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި އޮޅުންބޮޅުންވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"އެކަމަކު މިއީ އެއަށް ވުރެ މާ ސީރިއަސްކޮށް ނަގަން ޖެހޭ ކަމެއް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދީ ހާލަތާ މެދު ފުންކޮށް ވިސްނާލައި ރަނގަޅުކުރަން ޖެހޭ ކަންކަން ހުރި ނަމަވެސް، މާ ބޮޑެތި މައްސަލަތަކެއް ނޫޅެ އެވެ. އެގޮތުން ދާދި ފަހުން ޓީޗަރުންގެ މުސާރަ ބޮޑުކުރުމާ އެކު، ސިވިލް ސާވިސް އެހެން ދާއިރާތަކުގެ މުސާރަތައް ބޮޑުކުރުމާ ގުޅޭ ކަންކަން ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ބަދަލުތައް ގެނައުމުގައި ކޮންމެވެސް ވަރެއްގެ ތާށިތަކެއް ހުއްޓަސް، ކުރިއަށް ދެވޭނެ ރަނގަޅު ގޮތްތަކެއް ހޯދޭނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ރާއްޖޭން ވެސް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އިގުތިސާދީ ދާނީ ކުރިއަށް ކަމަށް ވިދާޅުވި އެވެ.

އެގޮތުން މިހާރު ވެސް ރާއްޖޭން ބައެއް މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށާއި މި ވަގުތު ލޯނު ނަގައިގެން ބޮޑު އާ މަޝްރޫއެއް ފެށުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ދަތި އުނދަލުގެ އަސަރު ރާއްޖެއަށް. އެއީ އޮޅުމެއް ނެތި އެނގެން އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޒާވްގައި ރަނގަޅު އަދަދަކަށް ފައިސާ އެބަހުރި ކަމަށާއި ތެލާއި ކާޑާއި ބޭސް ފަދަ ތަކެތި ގަތުމަށް މި އަހަރު ނިމެންދެން ވެސް ދަތިކަމެއް ނެތި ހޭދަކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޮތް ކަމަށެވެ.