މަރަދޫފޭދޫގައި ހިންގާ "ކޮފީބެންޑް" އަދި "ސިޓީ ބެންޑް"ގެ ވެރިއާ ފިރާގު އެތަނުގެ އިންޑިއާ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ ދެ މުވައްޒަފަކަށް މުސާރަ ނުދިން މައްސަލައަކާ ގުޅިގެން ފިރާގު އާއި ބައްދަލުކުރުމުން އޭގެ ތެރެއިން މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އިންޑިއަން ހައި ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން އެ ދެމުވައްޒަފުންނަށް ހިމާޔަތްދީ ރައްކާތެރި ކުރުމަށް އިންޑިއަން ހައި ކޮމިޝަނުން ފުލުހުންނަށް ވަނީ އަންގާފަ އެވެ.
މަރަދޫފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ ފިރާގް ހަމަލާ ދިނުމާއި ގުޅިގެން މިދެމީހުން ވަނީ ގަމުގައި އޮންނަ އިންޑިއާގެ އެއާވިންގުގެ ފަރާތުން ހިމާޔަތް ހޯދާފަ އެވެ. އަދި މިމަ އްސަލަ އިންޑިއަން ހައި ކަމިޝަނުގެ ސަމާލު ކަމަށް ގެނެސްފައި ވަނީ އިންޑިއާގެ އެއާ ވިންގުން ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑާރ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިންޑިއަން ހައިކޮމަޝަނުން ހުށަހެޅި މައްސަލައެއްގައި ފިރާގު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް 5 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހަކައްޓަން ކޯޓުން މުއްދަތު ޖަހާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިންޑިއަން ހައިކޮމަޝަނުން ގުޅާފައި ބުނީ ފިރާގު ގެނެސްފައިވާ އިންޑިއާގެ ދެ ރައްޔިތުންނަށް ހިމާޔަށްދީ އެމްބަސީއަށް ފޮނުވައިދިނުމަށް، އެކަމަކު އަޅުގަނޑުމެން ބުނިން އެންބަސީންނޭ ޓިކެޓް ދޭންވާނީ، އަޅުގަނޑުމެންނަށް ހަމައެކަނި ރައްކާތެރިކަމޭ ދެވޭނީ. ދެން އެބޭފުޅުން ވިދާޅުވީ ގަމުގައި ތިބޭ އިންޑިއާގެ އެއާވިންގުގެ އެހީގައި ހެލިކެޕްޓަރުގައި އެމިހުން މާލެ ގެންދަން ހަމަޖައްސަނީއޭ" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ ހިއުމަން ޓްރެފިކިން މައްސަލަ އެމްބަސީން ހުށަހެޅުމާއި ގުޅިގެން ފިރާގު ހައްޔަރުކޮށް މިހާރު ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާގެ ރައްޔިތަކަށް މުސާރަ ނުދީ އޭނާ ލައްވާ މަސައްކަތް ކުރުވުމަށްފަހު މާރާމާރީ ހިންގި މައްސަލަ ހައިކޮމަޝަނުން އަންނަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.
ފިރާގުއާއި ގުޅޭ މިފަދަ ވަރަށް ގިނަ ޝަކުވާ ފާއިތުވި 6 މަސްދުވަހުގެ ތެރޭ ފުލުހުންނަށް ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި މައިގަޑު ގޮތެއްގައި ހުށަހަޅިފައިވަނީ ހަރުކަށިކަން ދައްކައި މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާ މައްސަލަ އާއި މުސާރަ ނުދޭ މައްސަލަކަަމަށް ޝިފާން ވިދާޅުވިއެވެ.