Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އައްޑޫގެ ޓޫރިޒަމަށް ފަހިމަގެއް ނެތް: ޒަރީރު

އައްޑޫގެ ޓޫރިޒަމް ކުރިއަރުވަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ ތަން ނުފެންނަ ކަމަށް ވިދާޅުވެ ކައުންސިލަރަކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުކްސިލަރު ހުސައިން ޒަރީރު މިއަދު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް ފަހިމަގެއް ނުފެންނަ ކަމަށާއި އެކަމަށް އިސްކަމެއް އަދި އަހުމިއްޔަތެއް ވެސް ކަމާބެހޭ ފަރާތްތަކުން ނުދޭ ކަމަށެވެ.

"ހުރިހާ ދިމާލަކުން އަޅަނީ ހުރަސް. ޓޫރިޒަމް [އައްޑޫގައި] ތަރައްގީވުމުގެ އުއްމީދު ކުޑަ." އޭނާ ވިދާޅުވި އެވެ.

ޒަރީރު މިފަދަ މޭރުމަކުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ އައްޑޫގެ ޓޫރިޒަމަށް ޑެސްޓިނޑޭޝަން މެނޭޖްމަންޓެއް އުފައްދައި އެކަމާ ގުޅޭ އޮފީހެއް ވެސް ހެދުމާ ގުޅޭ ގޮތުން ކައުންސިލަށް އޭނާ ހުށަހެޅުއްވި ހުށަހެށުމަކާ ގުޅިގެންނެވެ.

އައްޑު އަކީ މިހާރުގެ ސަރުކާރުގެ ދައުރުގެ ތެރޭގައި 8،000 އެނދު ތަރައްގީކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތް ސިޓީއެކެވެ. އެކަމަކު މިހާތަނަށް އެކަމުން ކުރިއެރުމެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން އައްޑޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ކައުންސިކުން އިއުލާންކޮށްފައި އޮތް މަޝްރޫއުގެ ތެރެއިން ވެސް މިހާތަނަށް އެނދެއް އިތުކުރެވިފައެއް ނުވެ އެވެ.

އައްޑޫގައި ޓޫރިޒަމްގެ ފަސް ޒޯނެއް ކަނޑައަޅައި، އެތަންތަނުގައި ޓޫރިސްޓް ފެސިލިޓީތަކެއް ހަދަން ގިނަ ބިންތަކެއް އެކި ފަރާތްތަކާ ހަވާލުކުރި ނަމަވެސް އެއްވެެސް ތަނެއްގައި އެކަށީގެންވާ އަމަލީ މަސައްކަތެއް ނެތެ އެވެ. މި ސަބަބާ ހުރެ ލޯކަލް ޓޫރިޒަމް މަޝްރޫއުގެ ތެރެއިން ސީދާ ކައުންސިލުން ފެސިލިޓީތަކެއް ހަދަން ނިންމިކަން ހާމަކުރި ނަމަވެސް އެކަން ވެސް އޮތީ ވާނުވާގަ އެވެ.

އަނެއްކޮޅުން އައްޑޫގައި އޮތް ތިން ރިސޯޓްގެ ތެރެއިން އެއް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ބަންދުކޮށްފައި އޮންނަތާ ތިން އަހަރު ވަނީ އެވެ. ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކެނަރީފް ވެސ ހުޅުވާފައި އޮތީ "ނަމަކަށެވެ."