Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އާ ވަގުފް އިމާރާތެއް ހަދަނީ

އާ ވަގުފު އިމާރާތެއް ހަދަން ނިންމައި އެކަމާ ގުޅޭ ބައެއް މަސައްކަތްކުރާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ވަގުފް ޢިމާރާތް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް އަދި ޓެންޑަ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ސުންގަޑި އަކީ މި މަހުގެ 19 އެވެ.

މިކަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް މީޓިން މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީންގެ މީޓިން ރޫމްގައި އޮންނާނެ އެވެ. ބިޑް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. މި މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ އެވެ. އަދި އިތުރު މައުލޫމާތު 3020284/3020239/3020276 މި ނަމްބަރުތަކުން ހޯދޭނެ އެވެ.

ވަގުފުގެ އިމާރާގެއް ހަދަން އިސްލާމިކް މިނިސްޓްރީން ނިންމި އިރު ކުރިން ހެދި ނުވަ ބުރީގެ ވަގުފު އިމާރާތް ހުޅުވީ ޖެނުއަރީ 12، 2017 ގަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުންނެވި އިރު އެވެ.

ދާރުލް އީމާންގެ ނަމުން ނަން ދީފައިވާ އެ އިމާރާތަކީ ވަގުފު ފަންޑަށް ފައިސާ ހޯދަން ހެދި ތަނެކެވެ. އެ އިމާރާތް ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ވަގުފު ފަންޑަށް 5.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.