ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، ހަދާ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ނިމެނޭކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއން ކަމާގުޅޭ އިދާރާތަކުގެ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ހަމައެއް ލަމައެއް ނެތި އެތައް އަހަރެއް ވަންދެން ހިތަކަށް ދޫކޮށްލާފައި އޮތް މައްސަލައެއް ކަމަށެވެ. އެހެންވެ އެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީ މިހާތަނަށް ވެސް ނަތީޖާތަކެއް ނެރެފައިވާ ކަމަށް ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ކަމަށް ރަޖިސްޓްރީވި 43،000 ބިދޭސީންގެ ތެރެއިންމިހާރު ނުފޮނުވި ތިބީ 20،000 ބިދޭސީން ކަމަށާއި އެ މީ ހުންނަކީ ގާނޫނީ އެއްވެސް ލިޔުމެއް ނެތި އުޅެމުންދާ މީހުންނަށްވާތީ އެ މީހުންގެ މައްސަލަ ހައްލު ކުރެވެން އޮތީ ވަކި ތަނެއްގައި ބައިތިއްބައި، ޕާސްޕޯޓްފަދަ ލިޔެކިޔުން ފުރިހަމަކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެގޮތުން ހުޅުމާލޭގައި ހަދާ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށްފާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން އެ މަސައްކަތްކުރަމުން އަންނަ އިރު އެތަން ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ނިންމަން ވަނި އަމާޒު ހިފައިގަ އެވެ. އެއީ 250 މީހުންގެ ޖާގައިގެ ތަނެކެވެ.
"މައްސަލަ ހައްލުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ. އަހަރުތަކެއް ވަންދެން ގިނަވެ އިތުރުވަމުންދިޔަ މީހުން މިހާރު ނިންމާފައި ނިންމުމާ އެކު އިތުރެއް ނުވާނެ ދެން،" މިނިސްޓަރު ވިދާޅުވި އެވެ. "ދެން އޮތީ މިކަންކުރުުގައި ކުރަން ޖެހޭ ކަންކަން ކުރުން. ހަގީގަތުގައި މިއީ އެއްވެސް ހަމައެއް ލަމައެއްނެތި ދޫވެފައި އޮތް މައްސަލައެއް."