Last Updated: April 16, 11:51
Tuesday, April 16, 2024
ޚަބަރު

އައްޑޫގައި އީދު ފާހަގަކުރުމުގެ ތައްޔާރީތަކަށް ދެ ލައްކަ

* ބޮޑު އީދު ފާހަގަ ކުރުމަށް ކައުންސިލުން ވަނީ ޖުމްލަ 1.8 މިލިއަން ރުފިޔާ ކަނޑައަޅާފައި
* ކައުންސިލްގެ ބަޖެޓުން 2 ލައްކަ ރުފިޔާ ހަރަދު ކުރޭ
* އިވެންޓުތައް ރާވައި ހިންގަނީ ކައުންސިލުން

ކުރިއަށް އޮތް ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައި ކައުންސިލްގެ ބަޖެޓުން 200،000ރ. ހަރަދުކުރުމަށް ނިންމައިފި އެވެ.

ބޮޑު ހަރަދެއްކޮށްގެން އިއްޔެ ހިތަދޫ ނޭޗާ ޕާކުގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ވަނީ އައްޑޫގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ޖުމްލަ 1.8 މިލިއަންގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން 1.5 މިލިއަން ރުފިޔާ އަކީ ސްޕޮންސަރުން އަތުން ހޯދުމަށް ކަނޑައަޅާފައިވާ އަދަދެވެ. އަދި އަނެއް ތިން ލައްކަ ރުފިޔާ އަކީ ކައުންސިލްގެ ބަޖެޓުން ހަރަދުކުރަން ނިންމާފައިވާ އަދަދެވެ.

އިއްޔެ ޖަލްސާގައި ވަނީ ކައުންސިލުން ހަރަދު ކުރުމަށް 300،000ރ. ގެ ބަޖެޓް ފާސްކުރުމަށް ހުށަހެޅި ހުށަހެޅުން އިސްލާހުކޮށް 200،000ރ. އަށް އަދަދު ދަށްކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ ފައިސާ އަކީ މިހާރުން ފެށިގެން ވެސް ހަރަދުކުރަން ޖެހިފައިވާ ފައިސާ ކަމަށާއި، ސްޕޮންސާ އަށް ލިބޭ ފައިސާ ހަމަޖެހެންދެން ވެސް ތައްޔާރީތަކަށް ހަރަދު ހިނގާނެ ކަމަށެވެ.

އައްޑޫ ކައުންސިލުން އީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ އިރު އެކަންކަމާ ގުޅޭގޮތުން އަދި އެކަމުގެ މަޝްވަރާއެއް އައްޑޫގެ ޖަމިއްޔާތަކާއި ރައްޔިތުންނާ ހިއްސާކޮށްފައެއް ނުވެ އެވެ.

ނަމަވެސް މިއުޒިކް ޝޯ އާއި ތަފާތު ސަގާފީ ކުޅިވަރުތައް އީދު ކުޅިވަރުގެ ތެރޭގައި ކުރިއަށް ގެންދަން ރާވާފައިވެ އެވެ.

ދުނިޔޭގެ އިގުތިސާދު ދަށްވެ ސަރުކާރުން ވެސް ހަރަދު ކުޑަކުރުމަށް ގޮވާލާފައި ވަނިކޮށް ބޮޑު ހޭދައެއްކޮށް އައްޑޫގައި އީދު ފާހަގަކުރުމަށް ކައުންސިލުން މަސައްކަތްކުރާތީ އެކަމާ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އީދަށް 1.8 މިލިއަން ރުފިޔާ ހަރަދުކުރާ ވާހަކަ "އައްޑޫލައިވް" އިން ރިޕޯޓުކުރުމުން އެކަމާ ހިތްހަމަނުޖެހިގެން އިއްޔެ ޖަލްސާގައި މޭޔަރު ވަނީ އީދު ފާހަގަކުރަން 3 މިލިއަން ހަރަދުކުރެވޭނެ ނަމަ އެވަރުގެ އަދަދެއް ވެސް ހޭދަކުރައްވާނެ ކަމަށް ވިދާޅުވެ ނުރުހުންފާޅު ކުރައްވައިފަ އެވެ.