ދަރަނި ރީސްޓްރަކްޗަކުރުމަށް ބޭނުންވާ ކަންތައްތައް ތަރުތީބުކޮށް، އިންތިޒާމްކޮށް އެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމައިފިއެވެ.
އެ ގަރާރު ހުށަހަޅުއްވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސް ލަބީބް ވިދާޅުވެފައިވަނީ މި ޤަރާރު މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕަށް ފޮނުވާފައިވާ ކަމަށެވެ.
އިލްޔާސް ލަބީބްގެ ޤަރާރުގައި ބުނެފައިވަނީ، 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން އެކި ފަރާތްތަކަށް ދިފައިވާ ސޮވްރިން ގެރެންޓީއާއި ސަރުކާރުން އެ މުއްދަތުގެ ތެރޭގައި ވިއްކާފައިވާ ބޮންޑް އަދި ނަގާފައިވާ ލޯނުތަކުގެ ރީޕޭމަންޓްގެ ބޮޑުބައެއް 2022 އަދި 2023 ވަނަ އަހަރު ދައްކަންޖެހޭ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 24،279.9 މިލިއަން ރުފިޔާ ކަމާއި، އަދި 26 މޭ 2022 ގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 11،136.3 މިލިއަން ރުފިޔާކަން ފާހަގަ ކޮށްފައިވެއެވެ.
ގަރާރުގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ތަކެތި ރާއްޖެ އެތެރެކުރުމަށާއި އެފަދަ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ގެރެންޓީ ދީގެން އެ ކުންފުނިތަކުން ނަގާފައިވާ ބޭރު ފައިސާގެ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުގެ ރަސްމީ ރިޒަރވުން ހަރަދު ކުރަންޖެހިފައިވާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ.
އިލްޔާސް ލަބީބްގެ ގަރާރުގައި ބުނެފައިވަނީ މިހާރު ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުން ކުރަންޖެހޭ ހަރަދުތައް ފޫނުބެއްދޭތީ، އެހަރަދުތައް ދެކޮޅުޖެއްސުމަށާއި، ލޯނު އަނބުރާ ދެއްކުމަށް އިތުރު ލޯނުތައް ނަގަންޖެހިފައިވާކަމަށެވެ.
އެހެންކަމުން ދަރަނި ރީސްޓްރަކްޗަރ ކުރުން މުހިންމުކަމަށްވާތީ، އެކަމަށް ބޭނުންވާ ކަންތައްތައް ތަރުތީބުކޮށް، އިންތިޒާމްކޮށް އެމަސައްކަތައް ކުރިއަށް ގެންދއުމަށް އެދި ގޮވާލާ މަޖިލީހަށް ގަރާރު ހުށަހަޅާކަމަށެވެ.
ދަރަނި ރިސްޓްރަކްޗަރ ކުރުމަށް މަޖިލީހަށް ގަރާރެއް ހުށައެޅުމަށް އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕަށް ފޮނުވާފައިވާއިރު، އިއްޔަ ބެއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ސޯލިހް ވިދާޅުވީ، ދަރަނި ދެއްކުމަށް އެއްވެސް ދައްޗެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.