Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު ޖުމްހޫރީ ޕާޓީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނަން: ޖޭޕީ

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ޖުމްހޫރީ ޕާޓީ، ޖޭޕީން ހާމަކޮށްފިއެވެ.

އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރައްވާނެ ކަމަށެވެ.

"ކޯލިޝަނަކާ ހިސާބަށް ދާންޖެހިއްޖިއްޔާ، އެހިސާބަށް ދިޔަޔަސްވެސް ޖޭޕީން ގޮތެއް ނިންމާނީ ޕާޓީގެ އަސާސީގަވައިދުގައި ބުނާ ގޮތުގެ މަތިން ޕާޓީގެ ކައުންސިލްގެ މަޝްވަރާ ކުރުމަށްފަހު، އެކަމެއް ނިންމާނީ." އަލީ އާރިފް ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅުވީ ޖޭޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް އޮންނާނެ ކަމަށާއި، އެއްބޭފުޅަކަށް ވުރެއް ގިނަ ބޭފުޅުން ކުރިމަތި ލައްވައިފިނަމަ އެކަމާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.

"އައްޑޫލައިވް"އާ ވާހަކަ ދައްކަވަމުން އަލީ އާރިފް ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ގިނަ ޕާޓީތަކެއް އެކުވެގެން ނޫން ގޮތަކަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި، ކޯލިޝަނަކާ އެކީގައި އެމްޑީޕީ އިސްވެ އޮވެ ނިކުމެ 2023 ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.