މަދަނީ އިޖުރާއަތުގެ ގާނޫނަކީ ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމުގެ އާ ސަފުހާއެއް ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
މަދަނީ އިޖުރާއަތުގެ ޤާނޫނު ތަސްދީގު ކޮށްފައިވާއިރު، އެ ޤާނޫނަށް އަމަލު ކުރަން ފަށާނީ މިމަހު 16 ގައެވެ.
އެ ޤާނޫނާ ގުޅޭގޮތުން ބަންޑާރަނައިބު ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަދަނީ އިޖުރާއތަުގެ ޤާނޫނަކީ ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމުގެ އާ ސަފުހާއެއް ކަމަށެވެ.
އަދި އެއީ މަދަނީ މުއާމަލާތްތަކުގެ ރައްކާތެރިކަމާއި، އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމުގެ އަސާސްކަމުގައި ވެގެން ދާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
މަދަނީ އިޖުރާއަތުގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ ޢާންމު އުސޫލުތައް ބަޔާންކޮށްދޭ، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ވަރަށް ބޭނުންތެރިވެފައިވާ، މުހިންމު ޤާނޫނެކެވެ.