Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މި އަހަރު އިތުރު 10 ރިސޯޓެއް ހުޅުވާނެ: މައުސޫމް

މި އަހަރުގެ މިހާތަނަށް އައި އިރު މުޅިން އަލަށް ދެ ރިސޯޓެއް ހުޅުވާފައިވާ އިރު، އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި އިތުރު 10 ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ގައި މިނިސްޓަރު ވިދާޅުވީ އަލަށް ހުޅުވާ 10 ރިސޯޓާ އެކު ރިސޯޓް އެނދުގެ ކެޕޭސިޓީ 3،500 އަށް އަރާނެ ކަމަށެވެ.

ރާއްޖޭގައި ހުޅުވާ ރިސޯޓްތައް އިތުރުވަމުން އަންނަ އިރު، ޓޫރިޒަމް ދާއިރާގެ ތެރެއިން މިހާރު އެންމެ ހަލުވިކޮށް ރާއްޖޭގައި ކުރިއަރަނީ ގެސްޓްހައުސް ވިޔަފާރި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި ވެސް ގެސްޓްހައުސްތަކުން ގިނަ އަދަދެއްގެ މާކެޓަށް އަންނާނެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ހުޅުވި ދެ ރިސޯޓަކީ މިދިޔަ ހަފުތާގެ ތެރޭގައި މާލެ އަތޮޅުގައި އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން، "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން ހެދި އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓާއި އެޕްރީލްގައި ހުޅުވި "އަލީލާ ކޮތައިފަރު މޯލްޑިވްސް" އެވެ.

މީގެ އިތުރުން އަންނަ މަހު ކ. ކޮއްދިއްޕަރު ފިނޮޅުގައި ތަރައްގީކުރަމުން އަންނަ "އަމީންގިރި ރިސޯޓް" ހުޅުވާނެ އެވެ.