ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަނުން ހުޅުވާލުމުން އެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ މައުލޫމާތު ޖޭއެސްސީން ހާމަކޮށްފައިވަނީ މިއަދުއެވެ.
އެގޮތުން އެމަގާމަށް ކުރިމަތި ލައްވާފައިވަނީ ޙުޒައިފާ މުޙައްމަދު ހ.ސޭންޑީބީޗް، މާލެ އަދި ޝުކުރުﷲ ޝަކީލް ސިޔާމާމަންޒިލް، އއ.ފެރިދޫއެވެ.
މިމަގާމަށް ކުރިމަތި ލައްވާފައިވާ ހުޒައިފާ މުހައްމަދަކީ ފެމިލީ ކޯޓުގެ އިސް ގާޒީއެވެ. އަދި މިއީ ރާއްޖޭގައި ސުޕީރިއާ ކޯޓެއްގެ އިސް ގާޒީއަކަށް ފުރަތަމަ އައްޔަނު ކުރެވުނު އަންހެން ބޭފުޅާއެވެ. އަދި މި މަގާމަށް ކުރިމަތި ލައްވާފައިވާ ޝުކުރުﷲ ޝަކީލް އަކީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ ލީގަލް އެގްޒެކިއުޓިވްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެމަގާމުގައި ހުންނެވި ފަނޑިޔާރު އަލްއުސްތާޛު އަލީ ސަމީރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ އިތުރު ދެ މަގާމެއް ވަނީ ހުސްވެފައެވެ. އެއީ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނާއި ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.