Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އިމާމުންގެ ފެންވަރު މަތިކުރަން ޕްރޮގްރާމެއް

އިމާމުންނާއި ހަތީބުންނަށް ހާއްސަކޮށްގެން، ތަމްރީނު ޕްރޮގްރާމެއް ފުވައްމުލަކުގައި ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ފެށި ޕްރޮގްރާމް މާދަމާ ގެ ނިޔަލަށް ކުރިއަށް ގެންދާ އިރު، އޭގައި ފުވައްމުލަކުގެ 38 މީހަކު ބައިވެރިވެ އެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ހިއްސާދެއްވަނީ ކަމާ ގުޅުންހުރި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާއި ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިންނާއި އިސްލާމިކް ޔުނިވަސިޓީގެ ލެކްޗަރާއިންނެވެ.

ތަމްރީން ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެއްވާނީ ތަޖުވީދާއި ހުކުރު ގަވައިދު އުސޫލާއި ސިވިލް ސާވިސްގެ ގަވާއިދާއި އުސޫލާއި މަސައްކަތުގެ އަހުލާގާއި މީހުންނާ މުޢާމަލާތްކުރުމާއި ނަމާދުގެ ޙުކުމްތައް އަދި ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތް ފަދަ މައުޟޫއުތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާ އިމާމުންނާއި ޚަޠީބުންގެ ފެންވަރު މަތިކުރުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ތަމްރީނުތަކެެއް ކަމަށެވެ. މި ތަމްރީން ޕްރޮގްރާމްތައް ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ މާޗްގައި މާލޭގަ އެވެ. އަދި ދެވަނަ ބުރު ބޭއްވީ އައްޑޫގަ އެވެ.