ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އާއި އދ. ގެ ޓޫރިޒަމާ ބެހޭ ޖަމިއްޔާ، ޑަބްލިއުޓީއޯ ގުޅިގެން ބާއްވާ ބައިނަލްއަގްވާމީ ޓޫރިޒަމް ސަމިޓް މި މަހުގެ 15 ގައި ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ވެސް ފުރިފައިވާތީ އެކަމާ ގުޅުވައިގެން މި އަހަރުގެ ސަމިޓް ރާއްޖޭގައި ބާއްވާ އިރު، އި އިވެންޓް ކުރިއަށް ދާނީ 15 ވަނަ ދުވަހު ކްރޮސްރޯޑްސްގަ އެވެ.
މި ސަމިޓާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިޓްގެ މައިގަނޑު ތީމަކީ، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅުވައިގެން "ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް" ކަމަށެވެ.
ސަމިޓް ފެށުމުގެ އެއް ދުވަސް ކުރިން ޔޫއެންޑަބްލިއުޓީއޯގެ މިނިސްޓީރިއަލް އިވެންޓް މި މަހުގެ 14 ގައި އޮންނާނެ އެވެ. އެއީ އީސްޓް އެޝިއާ، ޕެސިފިކް އަދި ސައުތް އޭޝިއާގެ މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ކޮމިޝަންގެ ޚާއްސަ ބައްދަލުވެމެކެވެ. އެ ކޮމިޝަންގެ ޗެއާ އަކީ މިނިސްޓަރު މައުސޫމެވެ. ކޯ ޗެއަކަން ކުރާނީ މެލޭޝިއާ އިންނެވެ.
ކޮމިޝަންގެ ބައްދަލުވުމަށް ފަހު މިނިސްޓީރިއަލް ލެވެލްގެ ރައުޑް ޓޭބަލް މަޝްވަރާތަކެއް ވެސް އޮންނާނެ އެވެ. އެ މަޝްވަރާގެ ތީމަކީ "ޔޫއެންޑަބްލިއުޓީއޯ މިނިސްޓީރިއަލް ރައުންޑް ޓޭބަލް ކޮންފަރެންސް އޮން ޓުއަރިޒަމް ރިޒިލިއަންސް ތްރޫ އިނޮވޭޝަން އެންޑް ޑިޖިޓަލައިޒޭޝަން އިން އޭޝިއާ އެންޑް ޕެސިފިކް" އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަމިޓްގައި މައިގަނޑު ތިން ސެޝަނެއް ކުރިއަށް ދާނެ އެވެ. އެއީ އެގްރޯ ޓޫރިޒަމް، ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް އަދި ގެސްޓްރޮނޮމީ ޓޫރިޒަމެވެ.