ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ރިސޯޓެއްގެ މަސައްކަތުގައި އުޅުނު އިންޑިއާ މީހަކު ކީރިތި ރަސޫލާ އަށް ފުރައްސާކުރުމުން އެތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންތަކެއް އޭނާ ބަރަހަނާކޮށް ގަންހިންގުވައިފި އެވެ.
މި ހާދިސާ އިއްޔެ ހިނގާފައި ވަނީ އަންނަ މަހު ހުޅުވަން ތައްޔާރުވާ ކ. ކޮއްދިއްޕަރު ފިނޮޅުގައި ތަރައްގީކުރާ "އަމީންގިރި ރިސޯޓް" ގަ އެވެ. އިންޑިއާގެ މީހާ ލައިގެން އިން ޓީޝާޓް ބާލައި، އޭނަގެ ކަރުގައި ފައިވާނާއި ބޫޓް އަޅުވައި ރަށުގެ އަތިރިމަތީގައި ގަންހުންގުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި މިކަމެއް ހިނގީ އިންޑިއާގެ މީހާ ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ތަފާތު ވާހަކަތައް ދައްކައި އަމީންގިރީގައި ތިބި ބަންގްލްދޭޝްގެ މުސްލިމުން ލޭކެއްކުމުން އެ މީހުން އެކަމާ ރުޅިގަދަވެގެންނެވެ.
މި ހާދިސާއާ ގުޅިގެން އަމީންގިރީގައި ތިބި ދިވެހިންތަކެއް އިންޑިއާ މީހާގެ ރައްކަލަކަށް އޭނާ އަމީންފުއްޓަށް ގެންގޮސްފައިވާ ކަމަށް އެނގިފައިވެ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ރަަސްމީ ފަރާތަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސްވެރިންތަކެއް ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރި މަައްސަލަ ވަރަށް ބޮޑަށް މިހާރު އޮތީ ހޫނުވެފަ އެވެ. އަދި މިކަމާ ހެދި އިސްލާމީ ދުނިޔޭގެ ނުރުހުމާއި ފާޑުކިޔުންތައް އިންޑިއާ އަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.