ރާއްޖެއަށް ވައިގެ މަގުން ގިނަ އަަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި އަންހެން މީހާގެ ބަންދު މުއްދަތު އިތުރު ކޮށްފިއެވެ.
އެމެރިކާގެ ރައްޔިތެއް ކަމަށްވާ އުމުރުން 55 އަހަރުގެ ލިއިލާ ލެއިން ކްލާކް ހައްޔަރު ކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރީ ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނުމުންނެވެ.
އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކޮށްދެމުން އަންނަ އިރު، މިދިޔަ ބްރާސްފަތި ދުވަހުވެސް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައެވެ.
އެގޮތުން އޭނާއާ ދެކޮޅަށް ހުރި ހެއްކާ ގުޅޭގޮތުން ބަންދު އަމުރުގައި ބުނެފައިވަނީ، ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، މީނާ ރާއްޖެ އައިއިރު ގެނައު ދަބަހުގެ ތެރެއިން 2.64 ކިލޯގްރާމްގެ ކޮކެއިން ފެނިފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި އޭނާގެ މޯބައިލް ފޯނުން ފެނުނު ޗެޓް ލޮގުތަކުން، ކުރެވޭ ތުހުމަތަށް ބާރުލިބޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ދީފައެވެ.
އެމީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.064 ކިލޯގުރާމް ހުރި ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 10 މިލިއަން ރުފިޔާއަށް އަރާ ކަަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައިވެއެވެ.