ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއްވެސް ކަމެއް ރަނގަޅަށް ނުދާ ކަމަށް ސިފަކޮށް ވެރިކަމުގައި އަގީދާއެއް، ގިބުލައެއް ވެސް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ތަކުރާރުކޮށް ރައީސަށް ފާޑުވިދާޅުވަމުން ގެންދަވާ ޖަމީލު މިއަދު ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ރިޒާވް ހުސްވެ، އަނގަވަތަށް ވެއްޓޭ އިރު ވެސް ފަރުވާ ހޯދަން އުޅެނީ ކެންސަރު ޖެހުމުން ފަރުވާ ހޯދަން އުޅޭ ގޮތަށް ކަމަށެވެ.
"އިތުރުވި ދަރަނި، އިންފްލޭޝަން، ސިޔާސީ މަޤާމް، ކޮރަޕްޝަން، ޣައިރު ޤާނޫނީ ޤަރާރު ހަމަ ބަރާބަރު،" އޭނާ ވިދާޅުވި އެވެ. "އޮޅުވާލައިގެން ލިބޭނީ ބޮޑު ގެއްލުމެއް."
އިތުރުވި ދަރަނި، އިންފްލޭޝަން، ސިޔާސީ މަޤާމް، ކޮރަޕްޝަން، ޣައިރު ޤާނޫނީ ޤަރާރު ހަމަ ބަރާބަރު؟ ޢަގީދާއެއް ގިބުލައެއް ނެތް؟ ރިޒާވް ހުސްވެ، އަނގަވަތަށް ވެއްޓޭއިރު ކެންސަރ ޖެހުމުން ފަރުވާ ހޯދަންޖެހޭގޮތަށް ފަރުވާ ހޯދަންޖެހެނީ. އޮޅުވާލައިގެން ލިބޭނީ ބޮޑު ގެއްލުމެއް. pic.twitter.com/fsclN42gtP
— Mohamed Jameel Ahmed (@MJameelAhmed) June 11, 2022
ރާއްޖޭގެ އިގުތިސާދަށް އިޝާރާތްކޮށް ޖަމީލު މިފަދަ މޭރުމަކުން ޓްވީޓްކުރެއްވި ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ ރިޒާވާ މެދު ކަންބޮޑުވުންތަކެއް ނެތް ކަމަށާއި ދަރަނިތައް ދެއްކޭނެ ކަމަށެވެ. ނަމަވގެސް މިދިޔަ ބުދަ ދުވަހު ރައީސް ވަނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ލޯނު ނަގައިގެން އިތުރު އާ މަޝްރޫތަކެއް ނުފަށަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ފައިސާ ހަމަޖެހިފައި ހުރި މަޝްރޫއުތަކާއި ފަށާފައި ހުރި މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.