Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

"މަގޭ ނަބިއްޔާ" ސައިކަލު ބުރަށް ބޮޑު ތަރުހީބެއް

ސައިކަލު ބުރުގެ ތެރެއިން - ފޮޓޯ: ފޭސްބުކް

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްވެރިންތަކެއް ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ޒުވާނުންތަކެއް "މަގޭ ނަބިއްޔާ" ގެ ނަމުގައި މިއަދު ހަވީރު މާލޭގައި ސައިކަލު ބުރެއް ބާއްވައިފި އެވެ.

މިއަދު ހަވީރު ރަސްފަންނު ސަރަހައްދުން ފެށި މި ސައިކަލު ބުރުގައި އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެ އެވެ. ސައިކަލު ބުރުގައި ބައިވެރިވި ފަރާތްތަކުން ތަފާތު ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ތިބިއިރު ސައިކަލު ބުރުގެ ބައިވެރިން ދިޔައީ "ﷲ އަކްބަރު" ގޮވަމުންނެވެ.

މި ސައިކަލު ބުރަށްފަހު ނަބިއްޔާގެ ދިފާއުގައި ތެދުވަންޖެހޭ ސަބަބުތައް ހާމަކޮށް އިލްމުވެރިން ވާހަކަދައްކާފައިވާއިރު މި ހަރަކާތް ނިންމާލީ ހާއްސަ ދުއާއަކުންނެވެ.

ބީޖޭޕީގެ އިސް ދެ މީހަކު ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެ އާއި އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވެސް އެކަން ކުށްވެރިކޮށްފައިވެ އެވެ. ރަސޫލާ އަށް ފުރައްސާރަކުރީ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕޫރު އާއި ނަވީން ކުމާރެވެ.

ބީޖޭޕީ އަކީ އަބަދު ވެސް މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅު ނުބައި އެޖެންޑާއެއް ގެންގުޅޭ ހަރުކަށި ހިންދޫން ނިސްބަތްވާ ޕާޓީއެކެވެ.