Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ރަސޫލާއަށް ކުރި ފުރައްސާރަ އައްޑޫ ޕީޕީއެމް ކައުންސިލަރުން ކުށްވެރިކޮށްފި

މީދޫ ކައުންސިލަރު ސާލިހާ.

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްވެރިންތަކެއް ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ބޭރުކޮށްލުމުން އެކަން އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ ޕީޕީއެމްގެ ތިން ކައުންސިލަރުން ކުށްވެރިކޮށްފި އެވެ.

މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ އާއި ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލްގެ އިތުރުން ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތި ސަލްމާގެ ފަރާތުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ ރަަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ ޕީޕީއެމްގެ ފަރާތުން ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ބޭރުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ލަދުވެތި ކަމެއް ކަމަށެވެ.

އެގޮތުން އެ މައްސަލަ ބޭރުކޮށްލަން ވޯޓު ދިން މެމްބަރުންނަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުއާ ކުރާ ކަމަށާއި ރަސޫލާ އިސްލާމީ އުންމަތަށް ގެންނެވި ޝަރީއަތަކީ އެންމެފަހުގެ ރިސާލަތުކަމާއި، އެއްވެސް އުނި އިތުރު ކަމެއް ނައިސް މި ޝަރީއަތް ގިޔާމަތާ ހަމައަށް ދެމި އޮންނާނެކަން ޔަގީންކުރުމަށް އެ މައްސަލަ ބޭރުކުރި މެމްބަރުންނަށް ހަނދުމަކޮށް އަރުވާ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން އެ ބަޔާނުގައި ވަނީ އައްޑޫގެ ގިނަ ރައްޔިތުން ތިބީ އިސްމާލީ އުއްމަތާއި ރަސޫލާގެ ދިފާއުގައި ކަމަށާއި އަދި ރަސޫލާގެ ހައްގުގައި ތެދުވަން ޖެހިއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް ތައްޔާރަށް ކަމަށްވެސް ބުނެފައިވެ އެވެ.

ބީޖޭޕީގެ އިސް ދެ މީހަކު ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވެސް އެކަން ކުށްވެރިކޮށްފައިވެ އެވެ. ރަސޫލާ އަށް ފުރައްސާރަކުރީ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕޫރު އާއި ނަވީން ކުމާރެވެ.

ބީޖޭޕީ އަކީ އަބަދު ވެސް މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅު ނުބައި އެޖެންޑާއެއް ގެންގުޅޭ ހަރުކަށި ހިންދޫން ނިސްބަތްވާ ޕާޓީއެކެވެ.