އިމާމުންނާއި ޚަޠީބުން ޤާބިލް ބަޔަކަށް ހެދުމަށްޓަކައި އިތުރު ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މިފަދަ ކޯސްތަކާއި، ތަމްރީނުތައް ހިންގުމުގެ އެންމެބޮޑު ބޭނުމަކީ ތަމްރީނުތަކުގައި ބައިވެރިވާ ބޭފުޅުންނަކީ ޤާބިލް ބަޔަކަށް ހެދުން ކަމަށާއި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް، ރާއްޖެއިން ބޭރުން ފުރުސަތު ދެވޭ ފަރާތްތައް ހޮވާއިރު ރާއްޖޭގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މިންވަރަށް ބެލޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މިފަދަ ތަމްރީނުތައް ކުރިއަށް ގެންދެވޭއިރު، ތަމްރީނުތަކުގައި ބައިވެރިވާން އެ ހޭދަވާ ވަގުތާއި ކަންކަމަކީ ވަރަށް ބޮޑު ޤުރުބާނީއެއް ކަމަށާއި އެފަދަ ޤުރުބާނީތަކެއް ވެގެން މެނުވީ ކާމިޔާބު މީހަކަށް މީހާ ނުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އެގޮތުން މި ތަމްރީނުތަކުގެ ބޭނުމަކީ އިމާމުންނާއި ހަތީބުންނަކީ ރަނގަޅު ޤާބިލް ބަޔަކަށް ހެދުންކަމަށާއި މަސައްކަތް ކުރަމުންދަނީ އެގޮތަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިފަދަ ތަމްރީނު ޕްރޮގްރާމުތަކަށް ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދަން ސަރުކާރުން ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ބަޔަކަށް ވުމާއި، މިސްކިތަކީ މުޤައްދަސްތަނަކަށް ވާއިރު، އާންމުން، އިމާމެއްގެ ކިބައިން ފެންނަން ބޭނުންނުވާ، ނުވަތަ އިމާމަމަށްވާތީ ބަލައިނުގަންނަ ކަންކަމުން އިމާމުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާފަ އެވެ.