Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

މަގު ހަދަން ފެށީ މަޝްވަރާ ނުކޮށް: މޭޔަރު

ސޯބެ ކަންމަތީ ބައްދަލުވުމުގައި. ފޮޓޯ: އަސްލަމް ޕޭޖް

ރޯޑް ކޯޕަރޭޝަނުން އައްޑުގެ ރަށްތަކުގެ މަގު ހަދަން އުޅޭ ކަމުގެ އަޑު އިވިފައިވާ ކަމަށާއި، ނަމަވެސް މަގު ހަދަނީ ކައުންސިލާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

ހިތަދޫ މޫލެކެޑެ ސަރަހައްދުގައި ރޭ އޮތް އަސްލަމްގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ އިހަށް ދުވަހު ހުވާކުރި ކައުންސިލެއް އައްޑޫގައި އެބަ އޮތް ކަަމަށާއި، މަގު ހަދާއިރު ކައުންސިލާއި މަޝްވަރާ ކުރަންޖެހޭ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފެނިގެން މިދަނީ ވަކި ކަމެއް ހާސިލް ކުރުމަށް ހިތު ހުރި ގޮތަކަށް މަގުތަކާއި ތަންތަން ހަދަން މަސައްކަތް ކުރާތަން ކަމަށެވެ.

ސޯބެ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން އައްޑުގެ ތަރައްޤީ އަށް ކުރާ ކޮންމެ ކަމަކަށް ފުރިހަމައަށް އެއްބާރުލުން ދޭން ތިބި އިރު މަޝްވަރާ ކުރުމެއް ނެތި މިފަދަ ކަންކަން ކުރުމަކީ ޒިއްމާދާރުކަން ކުޑަކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އިހަށް ދުވަހު ހުވާކުރި ކައުންސިލެއް މިތާ އެބައޮތް، އެއީ ކިތަންމެ "ބަޑަ" ކައުންސިލަކަށް ވިޔަސް އެމީހުންނާއި މަޝްވަރާ ކުރަން އެބަޖެހޭ، ބަލަން އެބެޖެހޭ މިހެދެނީ ރައްޔިތުން އެންމެ ބޭނުން މަގުތޯ." އޭނާ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހު ލާ ވޯޓަކީ ރާއްޖޭގެ ލާމަރުކަޒީ އުސޫލު އޮންނަން ފެނޭތޯ ލާ ވޯޓެއް ކަމަށާއި ހުރިހާ އެންމެން ވެގެން މިފަހަރު މަޖްލިސް އެމްޑީޕީއަށް ދޭން ޖެހޭ ކަމަށެވެ.

އައްޑޫގެ ބައެއް މަގުތައް ހެދުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް (އެމްއާރްޑިސީ) ކޯޕަރޭޝަންގެ ޗެއާމަން އައްޑޫއަށް ވަޑައިގެން އުޅުއްވާ އިރު އިއްޔެ ހަވީރު ހުޅުދޫ ސްކޫލް ގޯޅިތެރެ ގާއަޅައިގެން ހަދަން ފެށުމުގެ ކުރިން އެމްއާރްޑީސީގެ ހުޅުމީދޫ މުވައްޒަފުން ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓުދޭން ޖެހޭ ކަމަށް ބުނެ ވަނީ ބިރު ދައްކާފަ އެވެ. އަދި މަގު ހަދަނީ ޕީޕީއެމަށް ވޯޓު ހޯދުމަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.