Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ސަރުކާރު އިނދަޖައްސާލަން ވާދަވެރިން އުޅޭ: މަވޯޓާ

އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އިނދަޖައްސާލައި ބަނގުރޫޓްކޮށްލަން ސިޔާސީ ވާދަވެރިން މަސައްކަތްކުރާ ކަމަށާއި މިކަމުގެ ހުރިހާ ވެސް ގެއްލުމެއް އޮތީ ސީދާ ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ އިއްޔެ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ސަރުކާރު ބަނގުރޫޓްކޮށް އިނދަޖައްސާލަން އެތެރެ އާއި ބޭރުން ވާދަވެރިން ކުރާ މަސައްކަތުގެ ސަބަބުން ބަނޑަށް ޖެހޭނީ ހުރިހާ ދިވެހި ރައްޔިތުން ކަމަށާއި މިއީ ފުންކޮށް ވިސްނަންވެއްޖެ ކަމެއް ކަމަށެވެ.

މަވޯޓާ ވިދާޅުވީ ރާއްޖެ އަށް އިގުތިސާދީ ގޮތުން ދަތިތަކެއް ހުއްޓަސް ސަރުކާރުން ދައްކަން ޖެހޭ ދަރަނިތައް ވެސް މުއްދަތަށް ބަރާބަރަށް ދައްކަމުން އަންނަ ކަމަށެވެ.

"ސަރުކާރާ ވާދަވެރި ފަރާތްތަކުން ބޭނުން ވަނީ ދައުލަތަށް ލޯނު ލިބެން އޮތް ހުރިހާ މަގެއް ބަންދުކޮށް، ސަރުކާރު އިނދަޖައްސާލަން މަސައްކަތްކުރަމުން." އޭނާ ވިދާޅުވި އެވެ.

މަވޯޓާ ވިދާޅުވީ މި ސަރުކާރަށް ކޮވިޑާ ހެދި ކުރިމަތިވި އެންމެ ދަތި ދުވަސްވަރު ވެސް ރައްޔިތުން ބަނޑަށްޖެހިޔަ ނުދީ ދެ އަހަރު ވަންދެން އިގުތިސާދު ރަނގަޅަށް މެނޭޖްކޮށްފައިވާ ކަމަށެވެ.

"އަދި އިގުތިސާދު އަންނަނީ ހަމަމަގަށް އެޅެމުން. ދައުލަތް ޑިފޯލްޓްވާ ކަމަށް ދައްކާ ވާހަކަ އަކީ ނުރައްކާތެރި ހަގީގަތާ ހިލާފު ވާހަކައެއް." މަވޯޓާ ވިދާޅުވި އެވެ.