Last Updated: June 12, 16:12
Friday, June 12, 2026
ޚަބަރު

ޕަބްލިކް ފެރީ ނިޒާމަކީ އިންޤިލާބީ ބަދަލެއްގެ ފެށުން: ހަމްދާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން - ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއަކީ އިންޤިލާބީ ބަދަލެއްގެ ފެށުން ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

ހަމްދާން މިފަދައިން ވިދާޅުވެފައިވަނީ ހައި ސްޕީޑް ފެރީ ނިޒާމު އިފްތިތާހު ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގައެވެ.

އެގޮތުން ހަމްދާން ވިދާޅުވީ، ރަސްމީ ސިފައެއްގައި ރޭ އިފްތިތާޙު ކުރެވިގެންދިޔަ ރާއްޖެ ޓްރާންސްޕޯޓް ލިންކް ގެ ޚިދުމަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ މައިގަނޑު އެއް ވައުދު ފުއްދުމަށް އެޅިގެންދާ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތެރޭގައި ހިމެނިފައިވާ މުހިއްމު އެއް މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

ޕަބްލިކް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަކީ ލާމަރުކަޒީ އުސޫލުން ތަރައްޤީގެ ތަސައްވަރު ހާސިލްކުރުމަށް އެޅިގެންދާ މައިގަނޑު އެއް ބިންގާކަން ފާހަގަކޮށް ހަމްދާން ވިދާޅުވީ، މިއީ ޖަޒީރާ ދިރިއުޅުމުގެ ތަސައްވަރު ހާސިލްކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށާއި މިއީ "އިންޤިލާބީ ބަދަލެއްގެ ފެށުން" ކަމަށެވެ.

"ޖަޒީރާވަންތަ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ފުރިހަމަވެގެން އަންނަނީ ކަނޑުދަތުރުފަތުރުގެ ނިޒާމް ފުރިހަމަވެގެން. ސަރުކާރުގެ އަމާޒަކީ ކަނޑު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ، އަތްފޯރާފަށުގައި ދެވޭ ޚިދުމަތެއްގެ ގޮތުގައި ނިޒާމު ބައްޓަންކުރުން." ހަމްދާން ވިދާޅުވިއެވެ.

މީގެއިތުރުން ހަމްދާން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ސަޕްލައި ޗެއިނަށް ކުރިމަތިވެފައިވާ ލޮޅުންތަކުގެ އަސަރު މި މަޝްރޫއަށްވެސް ކޮށްފައިވާ ކަމަށާއި، ނަމަވެސް މަސައްކަތްތައް އެންމެ އެކަށޭނަ ހަލުއިމިނެއްގައި ކުރިއަށް ގެންދިއުމަށް މިނިސްޓީރިއަލް ސްޓިއަރިންގ ކޮމިޓީއަކުން މަޝްރޫއު ވިލަރެސްކުރަމުންދާ ކަމަށެވެ.

މި ފެރީ ނިޒާމުގެ ޚިދުމަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޒޯން 1އަށެވެ. އެއީ ރާއްޖޭގެ އެންމެ އުތުރުން ހއ.، ހދ. އަދި ށ. އަތޮޅަށެވެ. މި ފެރީ ނިޒާމުގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.