Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

"ތުއްތު ދަރިފުޅު" މިހާރު އޮންލައިންކޮށް ކިޔާލެވޭނެ

އެސްޓީއޯ އިން މި މަހުގެ 9 ވަނަ ދުވަހު ނެރުނު ފޮތް "ތުއްތު ދަރިފުޅު" އޮންލައިންކޮށް ކިޔޭ ގޮތް ހަދައިފި އެވެ.

"ތުއްތު ދަރިފުޅު" ފޮތަކީ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ. އެގޮތުން ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާ އިން ފެށިގެން، ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު ދަރިފުޅު ގެންގުޅުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަން ވެސް ފޮތުގައި ވަރަށް ތަފުސީލުކޮށް ހިމަނާފައިވެ އެވެ.

ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 100 ދުވަހަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފޮތުގައި، ދަރިފުޅަށް ގާތުން ދިނުމާއި ބެހޭގޮތުން އެންގެންޖެހޭ މުހިއްމު މައުލޫމާތުތަކާއި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހެދިބޮޑުވުމަށް އަންނާނެ ތޮބީއީ ބަދަލުތަކުގެ ތަފުސީލުތައް ފޮތުގައި ހިމެނެ އެވެ. މީގެ އިތުރުން، ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހަށިގަނޑު ތަޖުރިބާކުރާނެ ކަންތައްތަކާއި އަދި މި ކަންކަމުގައި އާއިލާއިން ކަން ކުރަންވީ ގޮތް ލިޔެފައިވެ އެވެ.

އެސްޓީއޯ އިން "ތުއްތު ދަރިފުޅު" ފޮތް ނެރުނީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފްއާ ގުޅިގެންނެވެ. އެގޮތުން އަލަށް އުފަންވާ ކުދިންގެ އާއިލާތަކުން އާންމުކޮށް ކުރާ ސުވާލުތަކާއި، އާއިލާތަކުން ސުވާލު އުފެދިދާނެ ކަމަށް ލަފާކުރެވޭ ވަރަށް ގިނަ ސުވާލާއި ޖަވާބުތައް ވެސް 52 ސޮފުހާގެ ފޮތުގައި ހިމަނާފައިވެ އެވެ.