ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއާއެކު ރާއްޖޭގެ އިގްތިސާދު ފެނިގެންދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ ފެރީ ނިޒާމު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މި ފެރީ ނިޒާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިގްތިސާދީ ސިޔާސަތުގެ މުހިންމު މަޝްރޫއެއް ކަމަށެވެ.
މި ނިޒާމާއެކު ރާއްޖޭގެ މުޅި އިޤްތިސާދު ފެނިގެންދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި، އެގޮތުން ކުދި މަރކެޓްތައް ބަދަލުވަނީ ބޮޑު އެއް މާކެޓަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިއީ މުޅި ރާއްޖެ ގުޅިގެން ދާ ނިޒާމެއް ކަމަށާއި، މިއީ ރާއްޖެއާ ގުޅޭ، އެކަށީގެންވާ ނިޒާމެއް ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މި ފެރީ ނިޒާމުގެ ޚިދުމަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޒޯން 1އަށެވެ. އެއީ ރާއްޖޭގެ އެންމެ އުތުރުން ހއ.، ހދ. އަދި ށ. އަތޮޅަށެވެ. މި ފެރީ ނިޒާމުގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެމްޓީސީސީން ބުނީ މި ޚިދުމަތް ރަސްމީކޮށް ފެށުމުން، ދެން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާ އަގުތަކުގައި ޓިކެޓް ނަގައިގެން ކަމަށެވެެ. އެގޮތުން ކަސްޓަމަރުން ޓިކެޓް ގަންނަން ބޭނުންކުރާނީ އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕުން ކަމަށް އެމްޓީސީސީން ބުނެ އެވެ. އާރް.ޓީ.އެލް ޓްރެވަލް އެޕް ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑްކުރެވެން ހުންނާނެ އެވެ.