ވޯލްޑް އޯޝަންސް ޑޭ ފާހަގަ ކުރުމަށް ބީއެމްއެލް އިން ޑައިވް ކްލަބްތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް 'ޑިސްކަވަރ ޑައިވް' ގެ ހަރަކާތްތަކެއް ހިންގައިފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މި ޑައިވްގައި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސޭބިލިޓީސް އަދި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން 18 ކުދިން ބައިވެރިވެފައިވާ ކަމަށެވެ.
މި ހަރަކާތުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ 3 ޑައިވް ސެންޓަރެއް މި ޑިސްކަވަރ ޑައިވްގެ ހަރަކާތްތައް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށާއި، އެއީ ޑައިވަރސް ލޮޑްޖް މޯލްޑިވްސް، ޑައިވް ކްލަބް މޯލްޑިވްސް އަދި މޫދު ބުޅާ ޑައިވް ސެންޓަރ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު އެއް މަގްސަދަކީ ޑައިވް ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތެރަޕިއުޓިކް ކަމަކަށް ވުމާއެކު އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.
ވޯލްޑް އޯޝަންސް ޑޭއާ ގުޅުވައިގެން ބީއެމްއެލްއިން ވަނީ ޓިކްޓޮކް ޗެލެންޖެއްވެސް ހުޅުވާލާފައެވެ. 'މޫދު މޯމެންޓްސް' ގެ ނަމުގައި ކުރިޔަށްދާ މި ޗެލެންޖުގައި މޫދު ސިފަވާ ގޮތް ނުވަތަ މޫދަކީ ކޮބައިކަން ހާމަކޮށް، ވީޑިއޯއެއް އުފައްދައި ޓިކްޓޮކްގައި ހިއްސާކުރަންޖެހެއެވެ. ޓިކްޓޮކްގައި ޕޯސްޓްކުރާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިނަ އިނާމުތަކެއް ލިބިގެންދާނެ ކަމަށާއި، މި ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު 13 ޖޫން 2022 ގެ ނިޔަލަށް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.