Last Updated: June 12, 16:12
Friday, June 12, 2026
ޚަބަރު

އެމްއާރްއެމުން 3،000 ހަމަކުރުމުން އުވާނުލާނެކަން އަންގައިފި

މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރްއެމްއިން 3000 މެމްބަރުން ހަމަކުރުމުން އެ ޕާޓީ އުވާނުލާނެކަން އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ 3،000 މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް މާޗް މަހުގެ ތެރޭގައި ނޯޓިސް ދީފައެވެ. އަދި ޤާނޫނުގައި ބުނާ އަދަދު ހަމަނުކޮށްފި ނަމަ އެ ޕާޓީތައް އުވާލާނެ ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އީސީން މިމަހުގެ 9 ވަނަ ދުވަހު އެމްއާރްއެމްއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އެޕާޓީން 3000 މެމްބަރުން ހަމަކޮށްފައިވާތީ އެކަން އަންގާކަމަށެވެ.

އީސީން ނޯޓިސް ދިން ޕާޓީތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އެ މަނިކުފާނު އެންމެ ފަހުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) ގެ އިތުރުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އެވެ.

މެމްބަރުން ހަމަކުރަން އެ ޕާޓީތަކަށް ދިން މުއްދަތު ހަމަވަނީ މިމަހު 14 އަށެވެ.