ކީރިތި ރަސޫލާގެ ދިފާއުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.
ޕީޕީއެމުން ބުނީ މި ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ.
މި ޖަލްސާ ބާއްވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްވެރިންތަކެއް ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އިއްޔެ މާލޭގައި ޒުވާނުންތަކެއް ވަނީ ނަބިއްޔާގެ ދިފާއުގައި ސައިކަލު ބުރެއް ވެސް ބާއްވާފަ އެވެ. އެ ސައިކަލު ބުރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
ބީޖޭޕީގެ އިސް ދެ މީހަކު ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެ އާއި އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވެސް އެކަން ކުށްވެރިކޮށްފައިވެ އެވެ. ރަސޫލާ އަށް ފުރައްސާރަކުރީ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕޫރު އާއި ނަވީން ކުމާރެވެ.
ބީޖޭޕީ އަކީ އަބަދު ވެސް މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅު ނުބައި އެޖެންޑާއެއް ގެންގުޅޭ ހަރުކަށި ހިންދޫން ނިސްބަތްވާ ޕާޓީއެކެވެ.