އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި އިންނަވާ މެމްބަރެއްގެ ގޮތުގައި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސެއިން ހިލްމީ މިއަދު އިންތިޚާބުކޮށްފި އެވެ.
މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި އެލްޖީއޭގެ ބޯޑަށް ހިލްމީ އިންތިހާބްވީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް އާއި ވާދަކޮށް 4 ވޯޓުންނެވެ. ޔަސްރިފްއަށް ލިބިވަޑައިގަތީ 2 ވޯޓެވެ.
އެލްޖީއޭގެ ބޯޑަށް މާލެ ސިޓީ ކައުންސިލުން އިންތިހާބްކޮށްފައިވަނީ މުހައްމަދު ޝަމާއު ޝަރީފްއެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އެލްޖީއޭގެ ބޯޑު އެކުލެވިގެން ވަނީ ނުވަ ބޭފުޅުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ވަޒީރެއްގެ އިތުރުން މާލެ އާއި އައްޑޫ ސިޓީން ދެ ކައުންސިލަރަކާއި އަތޮޅު ކައުންސިލަރުންގެ ތެރެއިން ހަތަރު ބޭފުޅަކާއި މަދަނީ ޖަމިއްޔާއެއް ތަމްސީލްކުރައްވާ ބޭފުޅެއްގެ އިތުރުން އާއްމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެކެވެ.