Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ސްކޫލްތަކުގައި ނަމާދުކުރެވެން ޖެހޭނެ: ޝަހީމް

ރާއްޖޭގެ ސްކޫލްތަކުގައި ސްކޫލްތަކުގައި ނަމާދުކުރުމަށް ބާރު އެޅުން ފަދަ ކަންކަމަކީ ޒަމާނުއްސުރެ ނިޒާމުގެ ތެރޭގައި ވާރުތަވަމުން އައި ހެޔޮ ކަމެއް ކަމަށާއި މިހާރު ވެސް ސްކޫލްތަކުގައި ދަރިވަރުން ނަމާދުކުރާތީ އެއީ ހަރުކަށިކަމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އޭނަގެ ފޭސްބުކް ޕޯސްޓެއްގައި މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި ވަނީ ރަށެއްގައި ބޭއްވި "ހަފުތާރެސް" ވޯކްޝޮޕެއްގެ ތެރޭގައި ސްކޫލްގައި ނަމާދުކުރުމަކީ ހަރުކަށި ފިކުރާ ގުޅުން އޮތް ކަމެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ވެސް ކޮށްފައި ވަނިކޮށެވެ.

ޝަހީމްގެ ޕޯސްޓްގައި ވިދާޅުވީ ރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ތައުލީމީ ނިޒާމު ބައްޓަންވެފައި އޮންނަން ޖެހޭނީ ވެސް އިސްލާމް ދީނަށް ލޯބި ޖެއްސުމުގެ މައްޗަށް ކަމަށެވެ.

"މިހެންކަމުން ސްކޫލްތަކުގައި ނަމާދު ކުރުމަށް ބާރު އެޅުން ފަދަ ކަންކަމަކީ ޒަމާނުއްސުރެ ނިޒާމުގެ ތެރޭގައި ވާރުތަވަމުން އައި ހެޔޮ ކަމެއް. މިހާރު ވެސް ސްކޫލްތަކުގައި ދަރިވަރުން ނަމާދުކުރޭ،" އޭނާ ވިދާޅުވި އެވެ. "އެއީ ހަރުކަށިކަމާ ގުޅުން ހުރި ކަމެއް ނޫން."

ޝަހީމް ވިދާޅުވި ގޮތުގައި ނަމާދުތައް އޭގެ ވަގުތުގައި ނަމާދުކުރުމަކީ ހަރުކަށިކަމުގެ ޢަލާމާތެއްކަމުގައި ވިސްނުވައި ދޭން މަސައްކަތްކުރުމަކީ ޢަލްމާނިއްޔަތު ކުރިއަރުވައި މުސްލިމުންގެ ޙަޔާތުން ދީން ދުރުކޮށްލަން ހިންގޭ ފިކުރީ ހަނގުރާމައިގެ ޢަލާމާތެއް ކަމަށެވެ.

"އިސްލާމީ ނަޒަރުން ބަލާ އިރު ހަރުކަށިކަމަކީ ދީނުގެ ޞައްޙަ ތަޢުލީމާއި މަންހަޖުން ބޭރުވެ ގަތުން. ޢަމަލީ ޙަޔާތުގައި އިސްލާމް ދީން ޕްރެކްޓިސްކުރުމަކީ ހަރުކަށިވުމެއް ނޫން." އޭނާ ވިދާޅުވި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދަރިވަރުން ނަމާދު ވަގުތަށް ސަމާލުކަން ދިނުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ސިފަކޮށްފައި ވަނީ ޓީޗަރުންނަށް އަމާޒުކޮށްގެން ރ. އުނގޫފާރުގައި ބޭއްވި ވޯކްޝޮޕެއްގަ އެވެ. އެ ވޯކްޝޮޕަކީ ޔޫތު މިނިސްޓްރީ އާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާރާއި ހޯޕް ފޯ ވިމެން ޖަމްއިއްޔާގެ އިތުރަށް އިސްލާމިކް ޔުނިވަސިޓީ އައިޔޫއެމް) އާއި ޔޫއެންޑީޕީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ހިންގި ޕްރޮގުރާމެކެވެ

މިކަމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެފަދަ ކަމެއް ހިނގި ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.

"ތިޔަ ވިދާޅުވި ހަބަރެއް އަޅުގަނޑަށް އެނގިފައެއް ނެތް. ނަމަވެސް ސްކޫލު ތެރޭގެ ކަންކަން އަޅުގަނޑަށް އެނގެނީ ސްކޫލު ތެރޭގައި ނަމާދު ކުރުމަކީ ހަރުކަށިކަމެއް ކަމަށް އަޅުގަނޑު ނުބަލަން." ނިސްޓަރު ވިދާޅުވި އެވެ.