Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ވެލާ ޕްރައިވެޓް އައިލޭންޑް މަރާމާތަށް ބަންދު

މިދިޔަ މަހުގެ ތެރޭގައި މަރާމާތަށް ބަންދުކޮށްފައި އޮތް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް އަލުން ހުޅުވާނީ ސެޕްޓެމްބަރު މަހު ކަމަށް ބުނެފި އެވެ.

އެ ރިސޯޓުން ބުނީ ހަތަރު މަސް ދުވަހުގެ މަރާމާތުތަކަށް ފަހު އަލުން ރިސޯޓް ކުރިއެކޭ އެއްގޮތަށް އޮޕަރޭޝަނަށް ގެންނާނީ ސެޕްޓެމްބަރު މަހުގެ 15 ގައި ކަމަށެވެ.

ވެލާ ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީފަންތީގެ އެއް ރިސޯޓެވެ. އަދި މި ރިސޯޓަކީ މުވައްޒަފުންނަށް ބޮޑު އަދަދަކުން ސާވިސް ޗާޖްދޭ ކަމަށް ވެސް މަޝްހޫރު ރިސޯޓެކެވެ.

މަރާމާތަށް ރިސޯޓް ބަންދުކޮށްފައި އަލުން ހުޅުވާ އިރު ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް ޓޫރިސްޓުންނަށް ތަޖުރިބާކުރެވޭނެ ކަމަށް ވެލާ ރިސޯޓުން ބުންޏެވެ. އެގޮތުން އެފްއެންޑްބީ ރޫމްތަކާއި ސްޕާ އޮޕަރޭޝަންތަކަށް ބޮޑެތި ހިތްގައިމު ބަދަލުތަކެއް ގެންނާނެ އެވެ.

ވެލާ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ވޭން މިލްގޭޓް ވިދާޅުވީ ރިސޯޓްގައި މިހާރު ކުރިއަށްދާ މަރާމާތުތަކަކީ އެތަނުގެ ފުރިހަމަކަމާއި ހިތްގައިމުކަން އިތުރުކުރަން ކުރިއްސުރެ ވެސް ރާވާފައި އޮތް ޕްލޭނެއްގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. އެހެންވެ އެކަން ފުރިހަމަވެގެން އައުމުން ރިސޯޓް އިތުރަށް ޗާލުވެފައި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ އެވެ.

ވެލާ އިން އަންނަނީ އެތަނުގެ ނުވަ ވަނަ އަހަރީ ދުވަސް ވެސް ޑިސެމްބަރު މަހުގެ ތެރޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރީތައް ވަމުންނެވެ.