Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އެސްޓީއޯ އިން ދިވެހިންނަށް ހަރާންކޯރުވެއްޖެ: ޖަމީލު

އިންޑިއާގެ ހިންދޫންގެ ބަޔަކު އިސްލާމް ދީނަށް ފުރައްސާރަކޮށް މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގަމުންދާ ދަނޑިޅެއްގައި ރާއްޖޭގެ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ "ސްޓާފް ނައިޓް" އިންޑިއާގެ ތީމަކަށް ބޭއްވުމާ ގުޅިގެން އެއީ އެ ކުންފުނިން ދިވެހިންނަށްވި ހަރާންކޯރުވުމުގެ އަމަލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އިވެންޓްގެ ފޮޓޯއަކާ އެކު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކީރިތި ރަސޫލާ އަށް ފުރައްސާރަކުރާ ބަޔަކު "ގްލޮރިފައިކުރަން" އުޅުމަކީ ވަރަށް ހުތުރު އަމަލެއް ކަމަށެވެ.

"މުސްލިމުންނަށް މުޅި އިންޑިޔާގައި ލާއިންސާނީ އަނިޔާ ދެމުންދާ މި ވަގުތު އެ ވޭން ކޮންމެ މުސްލިމަކު އިޙްސާސްކުރަން ޖެހޭ. އެސްޓީއޯ އިން ފެނިގެން މި ދަނީ ދިވެހިންނަށް ހަރާމް ކޯރުވުން. نمک حرام. ނަމަކު ހަރާމް." ޖަމީލު ވިދާޅުވި އެވެ.

އިންޑިއާގެ ފިލްމީ ދުނިޔެ ތީމަކަށް ބޭއްވި "ސްޓާފް ނައިޓް" ގެ ފޮޓޯތަކެއް އެސްޓީއޯގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އިވެންޓް ބޭއްވި ތަން ޒީނަތްކުރުމަށާއި މުވައްޒަފުން އެޅި ހެދުން ވެސް ހުރީ އިންޑިއާ މީހުންގެ ސްޓައިލަށެވެ. އަދި އިވެންޓް ބޭއްވި ތަނުގެ ބޭރުގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންތަކެއްގެ ޕޯސްޓަރުތަކުން ވެސް ޒީނަތްތެރިކޮށްފައިވެ އެވެ.

އެސްޓީއޯގެ މުޅި "ސްޓާފް ނައިޓް" ވެސް އޮތީ މުޅިން އިންޑިއާކޮށްފަ އެވެ. މި އިވެންޓަށް އެސްޓީއޯގައި މަސައްކަތްކުރާ އަތޮޅުތަކުގެ ވަރަށް ގިނަ މުވައްޒަފުން ވެސް މާލެ ދިޔަ އެވެ.