ހިތަދޫ މެދު ދާއިރާގެ ތިން މަގެއް ގާ އަޅައިގެން ހެދުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީ ބޭއްވި ރަސްމިއްޔާތުގައި މަޝްރުއު ފައްޓަވާ ދެއްވީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ޗެއާމަން ހާލިދު އަބްދުﷲ އަލީ އެވެ.
ކެމްޕެއިން ލޯންޗިން ހަފްލާއެއް ގޮތަށް މެދު ދާއިރާއަށް ކުރިމަތިލައްވާފައިވާ ހިޔަލީގެ ވާހަކަފުޅަކާ އެކު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި އެމްއާރްޑީސީން ބުނީ މި ތިން މަގު ހެދުމުގެ މަސައްކަތް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
ގާއަޅައިގެން މެދު ދާއިރާގައި ހަދަނީ ހޮސްޕިޓަލަށް ދާން އޮންނަ މަގާއި، ބޮޑުމަގުން ފެށިގެން ސައީދިއްޔާ ސްކޫލަށް ދާން އޮންނަ މަގާއި، ސަންލައިޓް ހިނގުމުގަ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދާން އޮންނަ މަގަކީ ފަސްގަނޑު ކަޑައިގެން ދިއުމުގެ ސަބަބުން އަބަދު މަރާމާތު ކުރަން ޖެހޭ އަދި ބަލަހައްޓަން ވަރަށް އުނދަގޫ މަގެކެވެ.
މި މަގުގައި ގާ އަޅައިގެން ދަތުރު ކުރެވޭ ގޮތަށް ހެދުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ތަރު އަޅައިގެން ހަދަން ނިންމާފައިވާ މި މަގުގައި ގާ އަޅައިގެން ހަދާތީ އެކަމާއި ކަންބޮޑުވާކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް(ސޯބެ) މިއަދު ވަނީ ވިދާޅުވެފަ އެވެ.
"އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ އަވަސް އަރުވާލައިގެން ވަކި މަގްސަދެއް ހާސިލް ކުރުމަށް ހިންގާ ކަނަްކަމަކީ އޭގެ ނަތީޖާއެއް ގިނަ ދުވަހަކަށް ފެންނަން ހުންނާނެ ކަންކަން ނޫން ކަމަށެވެ.
އަދި މަގު ހެދުމުގެ ކުރިން ކުރަން ޖެހޭ ދިރާސާ ކުރުމާއި އީއައިއޭ ހަދަން ޖެހޭ ކަމަށް ވިދާޅުވެ، މަގު ހެދުމަކީ ކައުންސިލްގެ މައްޗަށް ލާޒިމް ކުރާ ކަމަކަށް ވީހިނދު މިކަމުގައި ކައުންސިލާއި އެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ރޯޑް ކޯޕަރޭޝަނުން އިއްޔެ ހުޅުދޫގެ މަގެއްގައި ވެސް ވަނީ ގާ އަތުރަން ފަށާފަ އެވެ.
އެ ރަސްމިއްޔާތުގެ ކުރިން ރޯޑް ކޯޕަރޭޝަންގެ ޗެއާމަން ހާލިދް އަބްދުﷲ އަލީ ވަނީ މުވައްޒަފުންނާ ބައްދަލުކޮށް މަގު ހަދަނީ ޕީޕީއެމް ހުޅުދޫ ކެންޑިޑޭޓް މުހައްމަދު ޝާހިދު (ޝާޑް) އަށް ވޯޓު ހޯދަން ކަމަށް ވިދާޅުވެފަ އެވެ.
