މިދިޔަ މަހުގެ ތެރޭގައި ގއ. ވިލިގިލީގައި އަންހެނެއްގެ އަތުގައި ދަތްއަޅައި އިނގިއްޔެއް ބުރިކޮށްލި މީހާ ޝަރީއަތް ނިމެންދެން އަނެއްކާ ވެސް ބަންދުކޮށްފި އެވެ.
ގ. ޗެރީ ހައުސް އަލީ ހަސަން ޝަރީއަތް ނިމެންދެން ބަންދުކުރި އިރު އޭނަގެ މައްޗަށް މި މަހުގެ 6 ވަނަ ދުވަހު ފަސް ދައުވާއެއް އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް އެ ދައުވާތައް އުފުލީ ކުރީގެ އަންހެނުންނަށް ލިބިފައިވާ ކުދިންތަކެއް މެންދަމުގެ ވަގުތެއްގައި ގެއަށް ވަދެ ވަގަށް ގެންދަން އުޅެނިކޮށް ފަޅާއެިރި މައްސަލައެއްގައި މިދިޔަ މަހުގެ 2 ވަނަ ދުވަހު އެ ގޭގައި ހިންގި މާރާމާރީއެއްގަ އެވެ.
އަލީ ހަސަން ދަތްއަޅައި އިނގިލި ބުރިކޮށްލި އަންހެން މީހާ އަކީ ކުރީގެ އަންހެނުންގެ ދައްތައެކެވެ.
މި މައްސަލާގައި އޭނާ އެންމެ ފުރަތަމަ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ފަހުން ވަނީ އަލީ ހަސަން ދޫކޮށްލައިފަ އެވެ. އޭރު ކޯޓުން އޭނާ ދޫކުރީ ކޯޓްގެ ހުރުމަތްކެނޑިކަމުގެ ކުށުގައި 150 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައި ވަނިކޮށެވެ.