ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އަތް މައްޗަށް ބާރުތައް ނަގައި ދައުލަތް ދަރުވާލަން އުޅޭކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ތުހުމަތު ކުރައްވައިފިއެވެ.
އަފީފް މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ މި އިސްލާހަކީ ފިނޭންސް މިނިސްޓަރުގެ އަތް މައްޗަށް ބާރުތަކެއް ނަގައިގެން ދައުލަތް ދަރުވާލަން ކުރާ މަސައްކަތް ކަމަށެވެ.
"ދައުލަތް ދަރުވާލުމަށް މިނިސްޓަރާ ހަވާލުކުރާ ކަމަށްވަންޏާ މިއޮތްގޮތަށް ފާސްކުރަންވީ." އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ މަޖިލީހުން ފާސްކޮށްގެން މެނުވީ ދައުލަތަށް އެއްވެސް ދަރަންޏެއް ނެގިގެން ނުވާނެކަމަށެވެ.
ރައްޔިތުން އަތުން ޓެކްސް ނަގާނެ ގޮތުގެ އުސޫލުތައް ހަދަނީ މަޖިލީހުންކަން ފާހަގަކޮށް އަފީފް ވިދާޅުވީ ރައްޔިތުން އަތުން ޓެކްސް ނެގުމަށްފަހު މިނިސްޓަރު ބޭނުންވާގޮތަށް ހަރަދު ކުރުމަށް ނުދެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާ ހިމާޔަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުތުރުން އަފީފް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުންވެސް ލޯނު ނަގަނީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި، އަދި ކުރާ ހަރަދުތައް ވެސް ކުރަނީ މަޖިލީހުން ފާސްކޮށްގެންކަމަށެވެ.