ކަސްރަތެއްގެ ގޮތުގައި ހަދައި އުޅޭ ޔޯގާ އަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެ އެވެ.
ސަލަފު ޖަމިއްޔާ އަށް ނިސްބަތްވެވަވަޑައިގަންނަވާ ދީނީ އިލްމުވެރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ އަކީ ހިންދޫން އެކަމެއްގެ މައްޗަށް ފަހުރުވެރިވާ އެ މީހުންގެ ދީނީ އަޅުކަމެއް ކަމަށެވެ.
"ޔޯގާ ބިނާވެފައި ވަނީ ޝިރުކުގެ އަސާސްތަކުގެ މައްޗަށް. ޔޯގާ ނޫން ކަސްރަތެއް ހިޔާރުކުރައްވާ." ފިކުރީ ވިދާޅުވި އެވެ.
ޔޯގާއަކީ ހިންދޫން އެކަމެއްގެ މައްޗަށް ފަޚުރުވެރިވާ އެމީހުންގެ ދީނީ އަޅުކަމެއް. ޔޯގާ ބިނާވެފައިވަނީ ޝިރުކުގެ އަސާސްތަކުގެ މައްޗަށް.
ޔޯގާ ނޫން ކަސްރަތެއް ޚިޔާރު ކުރައްވާ. pic.twitter.com/p10WMHCi0j— 𝐒𝐡𝐤 𝐇𝐚𝐬𝐬𝐚𝐧 𝐅𝐢𝐤𝐫𝐞𝐞 (@HassanFikree) June 13, 2022
އޭނާ މިފަދަ މޭރުމަކުން ޓްވީޓްކުރެއްވީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ވެރިންތަކެއް ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރުމުން އިސްލާމީ ދުނިޔޭގެ ނުރުހުމާއި ފާޑުކިޔުންތައް އެ ގައުމަށް އަމާޒުވެ މުސްލިމުންގެ ލޭކެކިފައިވާ ދަނޑިވަަޅެއްގަ އެވެ.
ޔޯގާ އަކީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަރަށް ބޮޑަށް ޕްރޮމޯޓް ވެސް ކުރާ އަދި އެ ގައުމުގެ ހިންދީން ވަރަށް ބޮޑަށް ފޮލޯކުރާ ކަމެކެވެ.
އެހެންވެ އިންޑިއާގެ މިފަދަ އާދާކަތަކާ މުސްލިމުން ދުރުވާން ޖެހޭ ކަމަށް ތަކުރާރުކޮށް އަބަދު ވެސް ދީނީ އިލްމުވެރިން ނަސޭހަތްތެރިވެ އެވެ.