Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ލަންކާ އަށް ސައުދީން އެހީ ލިބޭ ގޮތެއް ނުވި!

ސްރީ ލަންކާ އަށް އެހިވާން އެދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ހުށަހެޅުއްވި ހުށަހެޅުން ގަބޫލޫނުކޮށް ދޫކޮށްލާފައިވާ ކަމަށް ލަންކާ އިން ބުނެފި އެވެ.

މިކަން ހާމަކުރީ ލަންކާ މަޖިލިސް މެމްބަރެއް ކަމަށްވާ ޑރ. ހާޝާ ޑި ސިލްސިވާ އެވެ. ސަމާގީ ޖަނާ ބަލަވެގާޔާ (އެސްޖޭބީ) ޕާޓީ އަށް ނިސްބަތްވާ މެމްބަރާ ހަވާލާދެއްވައި ލަންކާގެ މިޑިއާތަކުން ބުނީ އެ ގައުމަށް އެހީވާން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަޝީދު އެދިވަޑައިގަތް ނަމަވެސް ސައުދީގެ މުހައްމަދު އެކަން ބޮލާލާޖައްސަވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ ހުށަހެޅުން މުހައްމަދު ގަބޫލުނުކޮށް ދޫކޮށްލެވީ ލަންކާ އަށް އެހީ ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން ނަޝީދުގެ ފަރާތްޕުޅުން ސާފު ޕްލޭނެއް ހުށަހަޅުއްވާފައި ނެތުމުންނެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ލަންކާގެ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ހާޝާ ވިދާޅުވި ގޮތުގައި ލަންކާ އަށް އެހީވާން ނަޝީދު ޔޫއޭއީ ސަރުކާރުގައި ވެސް މިހާރު އެދިވަޑައިގެންފައިވެ އެވެ.

ލަންކާ މިހާރު އޮތް ބޮޑުދަތުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެހީ ހޯދުމާ ގުޅޭ ގޮތުން ނަޝީދާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިދިޔަ މަހުގެ ތެރޭގައި މަޝްވަރާކޮށް، އެހީ ހޯދުމުގެ މަސައްކަތް ލަންކާ އިން ނަޝީދާ ރަސްމީކޮށް ހަވާކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެގޮތަށް ނިންމެވީ ރަނިލް އާއި ނަޝީދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި، އެ ގައުމަށް ބޭރުގެ އެހީ ހޯދައިދޭން ނަޝީދު އަމިއްލަފުޅަށް ހުށަހެޅުއްވުމުންނެވެ.