Last Updated: June 12, 16:12
Friday, June 12, 2026
ޚަބަރު

ތަކެތީގެ އަގު ބޮޑުވާކަން ރައްޔިތުންނަށް އިހުސާސެއް ނުކުރެވޭ: ސައްލެ

މެމްބަރު އަހުމަދު ސަލީމް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ތަކެތީގެ އަގުބޮޑުވާކަން ރައްޔިތުންނަށް އިހުސާސް ނުވާކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.

މި އިސްލާހަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައްލެ ވިދާޅުވީ ފެންނަނީ ފިނޭންސް މިނިސްޓަރުގެ އަތަށް ބާރުތައް ނަގަން އުޅޭ މަންޒަރު ނޫން ކަމަށާއި، ސަރުކާރާއި ވަޒީރުގެ ބޭނުމަކީ ޗެކް އެންޑް ބެލެންސް ގެނައުމާއި ބާރުތައް ދޫކޮށްލެއްވުން ކަމަށެވެ.

ސަރުކާރުން މިހާތަނަށް ގެނެސްފައިވާ އިސްލާހުތައް ބެލުމުން، ސަރުކާރުގެ މަގުސަދަކީ އިތުބާރު ގެއްލިފައިއޮތް ރާއްޖޭގެ މާލީ ނިޒާމު ހަމަ މަގަށް އެޅުވުން ކަމަށް ސައްލެ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ މުދަލާ ފައިސާ ބެލެހެއްޓުން އިތުރަށް ހަރުދަނާ ވާކަމަށެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުގައި ތަކެތީގެ އަގު ބޮޑުވަމުން އަންނަކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ރާއްޖޭގެވެސް އިންފްލޭޝަން އޮންނާނެ ކަމަށާއި، އެކަމާ މެދުއެއްވެސް ޝައްކެއް ނެތް ކަމަށެވެ. މުޅި ދުނިޔެއަށް ދިމާވާ ކޮންމެ ދައްޗެއްގައި ރާއްޖެވެސް އެގޭ ތަހައްމަލު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް ތެލުގެ އަގު ބޮޑުވާކަން ދިވެހި ރައްޔިތުންނަށް އެބަ އިހުސާސް ކުރެވޭތޯ؟ ކާބޯތަކެތީގެ އަގު ބޮޑުވާކަން ދިވެހި ރައްޔިތުންނަށް އެބަ އިހުސާސް ކުރެވޭތޯ؟ އަގު ބޮޑުވޭ، އެއްވެސް ޝައްކެއް ނެތް. އެހެންނަމަވެސް ދިވެހި ސަރުކާރުގެ ވިސްނުންތެރިކަމާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން، ދެފުއްފެންނަ ސިޔާސަތުތަކުގެ ސަބަބުން މިކަންކަން ހައްލު ކުރެވިގެން މިދަނީ." ސައްލެ ވިދާޅުވިއެވެ.
މީގެއިތުރުން ސައްލެ ވިދާޅުވީ ހައްޤު ގޮތުގައި ބަހެއް ބުނުމަކީ އެއްވެސް މައްސަލައަކަށް ވެގެން ނުވާނެ ކަމަށާއި، މިހާލަތުގައި ރައިސުލްޖުމްހޫރިއްޔާ އަދި ވަޒީރުން ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމަށެވެ.

ސައްލެ ވިދާޅުވީ ލޯނު ނުދެއްކުމުގެ ބިރު ރާއްޖެއަށް ނެތްކަން އިއްޔަ ހާމަވެފައިވާ ކަމަށާއު، ދަރާފާނެ ކަމުގެ ބިރު ނެތްކަން ވަޒީރުން ހާމަކޮށްފައިވާކަމަށެވެ. އަދި ރާއްޖެއިން ބިމެއް ދޫކޮށްލަންޖެހޭނެ ކަމުގެ ބިރެއް ނެތްކަންވެސް ހާމަވެގެން ގޮސްފައިވާކަމަށް ސައްލެ ވިދާޅުވިއެވެ.