Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ދަރަނި ރިސްޓްރަކްޗާގެ ވާހަކައަކީ ބަނގުރޫޓުކުރަން ދައްކާ ވާހަކައެއް

ދާންދޫ ދާއިރާއިގެ މެމްބަރު ޔައުގޫބު އަބްދުﷲ - ފޮޓޯ: މަޖިލިސް

ދަރަނި ރިސްޓްރަކްޗަރ ކުރުމުގެ ވާހަކައަކީ ގައުމު ބަނގުރޫޓު ކުރުމަށް ދައްކާ ވާހަކައެއް ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫން އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖޭގެ ދަރަނި ރިސްޓްރަކްޗަރ ކުރުމުގެ ވާހަކަ އަކީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ދައްކަވާ ވާހަކަ އެކެވެ. އަދި މިފަހުން ހުޅުދޫ ދާއިރާގެ މެމްބަރުވެސް މަޖިލީހަށް ދަރަނި ރިސްޓްރަކްޗަރ ކުރުމާ ގުޅޭ މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް އެ މައްސަލަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްވެފައެއް ނުވެއެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ، އިއްޔަ މަޖިލީހުގެ ކޮމިޓީގައި ފިނޭންސް މިނިސްޓަރު އަދި ގަވަރުނަރުވެސް ރާއްޖޭގެ ދަރަނީގެ ކަންކަމުގައި ނުރައްކަލެއް ނެތްކަމަށް ވިދާޅުވި ކަމަށާއި، އަދި ދަރަނި ރިސްޓްރަކްޗަރ ކުރަން ނުޖެހޭ ކަމަށް ވިދާޅުވިކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން ނެންގެވި ލޯނުތަކުގެ ތެރެއިން އެންމެ ބިރުވެރި ހާލަތެއްގައި އޮތް ލޯނު މިފަހުން ދައްކާ ނިންމާފައިވާކަން ފާހަގަކޮށް ޔައުގޫބް ވިދާޅުވީ ދެން ބޮޑު ލޯނެއް ދައްކަން އޮތީ 2026 ވަނަ އަހަރު ކަމަށެވެ. އަދި އެ ލޯނަށް ދައްކަންޖެހޭ ފައިސާ މި މުއްދަތުގެ ތެރޭގައި މާރީތިކޮށްވެސް ހޯދޭނެކަމަށް އިއްޔަ ވަޒީރުން ވިދާޅުވި ކަމަށެވެ.

"މިރާއްޖޭގަ ނެތް ބިރުވެރިކަމެއް، މިރާއްޖެއަށް ގެންނަން ކޮންމެ މީހަކު ކުރިއަސް އެ ކުރާ މަސައްކަތަކީ ގައުމު އިނދަޖައްސާލަން ކުރެވޭ މަސައްކަތެއް."

ޔައުގޫބް ވިދާޅުވީ ދަރަނި ރިސްޓްރަކްޗަރ ކުރުމުގެ ވާހަކައަކީ ގައުމު ބަނގުރޫޓު ކުރުމަށް ދައްކާ ވާހަކައެއް ކަމަށެވެ.

"މިރާއްޖެ ހަމަ ރަނގަޅު ޓްރެކެއްގަ އޮށްވާ ގަސްތުގަ ބަޔަކު، މިވެރިކަމާ ނުރުހޭތީ ބަޔަކު ގަސްތުގަ ވެރިކަން ވައްޓާލަން، ގައުމު ދަރުވާލަން އަދި ރާއްޖެ ބަނގުރޫޓު ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ދަރަނި ރިސްޓްރަކްޗަރ ކުރުމުގެ ވާހަކަ ތަކުރާރުކޮށް އެ ދައްކަނީ. އެކަމަށް އަޅުގަނޑު ކަނޑައެޅިގެން ދެކޮޅު." ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ އެ ވާހަކަތައް ދައްކަނީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫތައް ހުއްޓުވާލުމަށް ކަމަށާއި، މިކަމާ ދިވެހި ރައްޔިތުން ހޭލާ ތިބޭނެކަމަށެވެ. އަދި ޔައުގޫބް ވަނީ އެމްޑީޕީގެ މެމްބަރުން އެމްޑީޕީގެ ސަރުކާރަށް އުނދަގޫ ކުރުމުގެ ގޮތުން ކަންކަން ނުކުރުމަށްވެސް ގޮވާލައްވާފައެވެ.

ދަރަނި ރިސްޓްރަކްޗަރ ކުރުމުގެ ވާހަކައަކީ ގައުމު ބަނގުރޫޓު ކުރުމަށް ދައްކާ ވާހަކައެއް ކަމަށް ޔައުގޫބް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ، މުޅި މަޖިލީހުގެ ކޮމިޓީން ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ނުވަތަ ރީ-ޕްރޮފައިލް ކުރުމަށް ސަރުކާރަށް ދެންނެވުމަށް ނިންމި ނިންމުން 21 އޮކްޓޫބަރު 2020 ގައި ފާސްކޮށްފައެވެ.