2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާނެކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާމަކުރައްވައިފިއެވެ.
ރައީސް ސޯލިހް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވިއިރު އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނޭ ބައެއް ވަޒީރުން މިއަދު އަންނަނީ އިންތިހާބުގައި އެމަނިކުފާނަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.
އެގޮތުން މިނިސްޓަރު އަސްލަމް ރާއްޖޭގެ މީޑިއާއެއް ކަމަށްވާ "މިހާރު"އަށް ވާހަކަ ދައްކަވަމުން ވަނި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރު މާރިޔާވެސް މިއަދު ވަނީ ކުރެއްވި ޓްވީޓެއްގައި، 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާނެކަން ހާމަކުރައްވާފައެވެ.
އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ކޯލިޝަނަކާއެކު ނިކުމެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީއެމްޑީޕީ އަށް ވެސް އަދި އެހެން ޕާޓީއަކަށް ވެސް އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު ތިބި ކޯލިޝަންގެ ބައިވެރިންނާއެކު ނިކުމެ އިތުރު ދައުރެއް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގެ ކޮންގްރެސް އިން ކަމަށެވެ. އަދި އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ވިދާޅުވިއެވެ.