މިދިޔަ ބުދަދުވަހުގެ ރޭ ހިތަދޫ މަސްޖިދުއް ތަގްވަ ކުރިމަތިން ހިނގި އެކްސިޑެންޓްގައި ފައި ޖިޕް ދަށުވި ހިތަދޫ ސަބްދެލިގޭ ހައްވާ މުހައްމަދު (ހައްވަ) އިތުރު ފަރުވާ ދިނުމަށް އަންނަ ހޯމަ ދުވަހު ލަންކާއަށް ފޮނުވަން ހަމަޖެހިފައިވާ އާއިލާއިން ބުނެފިއެވެ.
ހައްވަގެ މަންމަ ބުނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު ހައްވަގެ ހާލަތަށް އިތުރު ކުރިއެރުމެއް ނުލިބޭ ކަމަށެވެ.
"މިކޮޅަށް ގެނައިފަހުން ވަކި ރަނގަޅެއް ނުވޭ، އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ބުނަނީ އަދި އެކަމަކު އެކަމެއް ނުކުރޭ"
ނުގަވާއިދުފަޅިން ބާރު ސްޕީޑެއްގައި ދުއްވާދިޔަ ޖިޕް އެހެން ކާރެއްގައި ޖެހި އެކާރު 91 ފޫޓަށް ކަހައިގެން ގޮސް ހައްވަ ދުއްވި ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ހައްވަގެ ކަނާތު ފައިގެ ފަލަމަސްގަޑު ބިނދިފައިވާ އިރު އޭނާގެ މޫނަށާއި ބޮލަށް އެކިވަރުގެ އަނިޔާ ވަނީ ވެފައެވެ.
އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، ހައްވަ މާލެ ގެން ގޮސްފައިވަނީ އިއްޔެ ރޭ ފަތިހު އެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވި ޖިޕް ދުއްވަން އިން މީހާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް އަދި އެ ވަގުތު މަސްތުވެގެން އިން މީހެއް ކަމަށެވެ.
އުމުރުން 40 އަހަރުގެ އެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.