Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ވޯލްޑް ކަޕްގެ ފަހު ޖާގަ ކޮސްޓަރީކާ އަށް

ނިއުޒިލޭންޑް 1-0 އިން ބަލިކުރުމަށްފަހު މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ފަހު ޖާގަ ކޮސްޓަރީކާ އިން ހޯދައިފި އެވެ.

މިއީ ވޯލްޑް ކަޕަށް ކޮސްޓަރީކާ ކޮލިފައިވި ހަވަނަ ފަހަރެވެ. އަދި މިއީ އެޓީމުން ޖެހިޖެހިގެން ވޯލްޑް ކަޕްގައި ކުޅޭ ތިންވަނަ ފަހަރެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ކޮސްޓަރީކާ ހިމެނެނީ ސްޕެއިން އާއި ޖަރުމަނު އަދި ޖަޕާނާއި އެއް ގްރޫޕެއްގަ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ރޭ ކުޅުނު ޕްލޭއޮފް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ކޮސްޓަރީކާ އަށް މެޗުގެ ތިންވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކުރިން އާސެނަލް އަށް ކުޅުނު ފޯވާޑް ކެމްޕްބަލް އެވެ. މި މެޗުގެ 69 ވަނަ މިނެޓްގައި ނިއުޒިލޭންޑްގެ ކޮސްޓާ ބާބަރޫސެސް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ވޯލްޑް ކަޕް ފަށާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 21ގަ އެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ކޮސްޓަރީކާ ނިކުންނާނީ ސްޕެއިނާއި ދެކޮޅަށެވެ.