މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމަށް މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރިއަށްދާ މަޝްރޫތަކުގެ ތެރެއިން އެންމެ ފުރަތަމަ އިއުލާނު ކުރެވޭނީ 1344 ޔުނިޓަކަށް ކުރިމަތި ލުމަށް ހުޅުވާލުން ކަމަށެވެ. މިޑިލް އިންކަމް ހައުސިންގެ ގޮތުގައި ކުރިއަށްދާ މިމަޝްރޫ ނިމުމުގެ މަރުހަލާގައިވާކަން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން 4000 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ކުރިއަށްދާކަން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ.
"ދެން މާލެ ސަރަަހައްދުން ގޯތި ދޫކުރުމުގެ މަސައްކަތް އޮތީ. އެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ނުހަނު ފަހުން އިއުލާނު ކުރައްވާފައިވަނީ، މިމަހުގެ ތެރޭގައި އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނެކަމަށް، އަޅުގަނޑު މި އުންމީދުކުރަނީ 26 ޖޫންގައި އެ އިއުލާނު އަޅުގަނޑުމެންނަށް ކުރެވިގެންދާނެ ކަމަށް." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މާލެ ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލައިގައި މާޗް މަހުގެ 22 ވަނަ ދުވަހު މަޖިލިހަށް ލިޔުމުން ދިން ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްޓަކައި ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅާ ޗާޓުތައް ކުރެހިފައިވާކަމަށެވެ. މީގެއިތުރުން ގުޅީފަޅުން ދޫކުރާ 2000 ގޯއްޗާއި ގުޅޭގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ މަސައްކަތަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން ހަދާ ބިން ހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށްދަމުން އަންނަކަމަށެވެ. އަދި މިމަސައްކަތަށް ބޭނުންވާ ފަންޑިން ހަމަޖެއްސުމަށް ލޯން އެގްރިމަންޓް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ގިރާވަރު ފަޅުން ދިނުމަށް ނިންމާފައިވާ 2000 ގޯއްޗާ ގުޅޭގޮތުން ވިދާޅުވީ، ބިން ހިއްކުމައްޓަކައި ކުރަންޖެހޭ ޕްލޭންތައް ކުރެވެމުން އަންނަކަމަށެވެ. އަދި މިމަސައްކަތަށް ބޭނުންވާ ފަންޑިންގްސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަމަށެވެ. މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ، ގިރާވަރު ފަޅު ހިއްސާ އެބިމުން މަދުވެގެން 2000 ގޯތި މާލެ ރައްޔިތުންނަށް ދޭނެކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައަރު ނިންމާނީ އެންމެބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު." ރައީސް ސޯލިހް ވިދާޅުވިއެވެ.