މާލެ ނޫން ތަނެއްގައި އެެއްވެސް އިރަކު ރަޖިސްޓްރީ ވެފައިވާ މީހުނަށް މާލެއިން ދޫކުރާ ގޯއްޗަށް ކުރިމަތި ނުލެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ޤާނޫނުގައި ބުނެފައިވަނީ ގޯތި ދޭނެ ތަނެއް އަދި ދޭނެ އަދަދަކާއި އުސޫލެއް އިއުލާނު ކޮށްފައި އޮންނަންޖެހޭނެ ކަމަށެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭގައި މިވަގުތު ގޯތި ދޭނެ ތަނެއްގެ ގޮތުގައި އޮތީ ހުޅުމާލެ ކަމަށާއި އަދި ގުޅީފަޅުގައި ބިން ހިއްކައިގެންވެސް ގޯތި ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ.
މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ނިންމާފައިވާ މަޝްރޫއުގައި އެ ގޯއްޗަށް ކުރިމަތި ލެވޭނީ މާލޭގެ ރައްޔިތުންނަށް ކަމަށްވާއިރު މިނިސްޓަރު އަސްލަމް ވިދާޅުވީ މި މަޝްރޫގެ ބޭނުމަށް މާލޭ ރައްޔިތުންގެ ގޮތުގައި ބަލަނީ މާލެ ނޫން އެހެން އެއްވެސް ތަނެއްގައި އެއްވެސް އިރެއްގައި ރަޖިސްޓްރީ ވެފައި ނުވާ ރައްޔިތުން ކަމަށެވެ.
"އެ ޑެފިނިޝަންގެ ތެރެއިން ދާކަމަށް ވަންޏާ، މާލޭ ދަފްތަރުގަ ޖެހިފަ ތިބި މީހުން، އެއީ މި ޕްރޮގްރާމުގެ ބޭނުމަށް، މާލެއިން ދޭ ގޯތި ލިބޭނެ ފަރާތްތަކަކަށް ނުވާނެ. އެހެންނަމަވެސް ދަފްތަރުގައި ޖެހިފައިހުރި މީހަކަށް ލިބޭ ދަރިން އެއީ މާލެ ނޫން އެހެން ތަނެއްގައި އެ ދަރިއަކު ރަޖިސްޓްރީ ވެފަ ނެތްކަމަށް ވަންޏާ، އެއީ މި ޕްރޮގްރާމުގެ ބޭނުމަށް ގޯތި ލިބޭނެ ފަރާތެއް." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމަށް މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަމަށެވެ. މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ، ގިރާވަރު ފަޅު ހިއްސާ އެބިމުން މަދުވެގެން 2000 ގޯތި މާލެ ރައްޔިތުންނަށް ދޭނެކަމަށެވެ.