Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ރައީސަށް ދެވަނަ ދައުރެއް ދިނުމަކީ ކަރަށް ފައިން އެރުން ކަމަށްވާނެ

މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ ކަރަށް ފައިން އެރުން ކަމަށް ވާނެ ކަމަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިފަދައިން ވިދާޅުވެފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ފަޒުލް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނާ ނަރުދަމާގެ މަސައްކަތްތައް ކުރެވިގެންދިޔަ ކަމަށާއި، އެކަން ފެނިގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ލޯނު ނަގައިގެން ކުރާކަމެއް ފެންނަން ނެތްކަމަށް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ހުށަހަޅާފައިވާ އިސްލާހުގައި ހަމައެކަނި ފެން އަދި ކަރަންޓް ބިލު ނުދެއްކުމުން އަމަލުކުރާނެ އުސޫލެއް ބަޔާންކުރުމުގެ ބަދަލުގައި އެފަދަ މަޝްރޫއުތައް ކުރިއަށްނުދާނަމަ އަމަލުކުރާނެ އުސޫލެއްވެސް އޮންނަންޖެހޭ ކަމަށެވެ. އެގޮތުން ފަޒުލް ތަމްސީލުކުރައްވާ ފެލިދޫ ދާއިރާގެ ރަށްތަކުގައި ކުރިއަށްގެންދިއުމަށް 2019 ވަނަ އަހަރު ހަވާލުކުރި ފެނާ ނަރުދަމާގެ މަސައްކަތް ފެށުނީ މިއަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާކަން ފާހަގަކޮށް ފަޒުލް ވިދާޅުޥި ހިދުމަތެއް ލިބެން ނެތްކަމަށާއި، އަދި ތަކެތީގެ އަގު އިންތިހާއަށް ބޮޑު ވަމުން އަންނަކަމަށެވެ. ފަޒުލް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރިކަމަށް ބުނެ އެއާއެކު ތަކެތީގެ އަގު ބޮޑުވުމުން މުސާރައަށް ލިބުނު ކުރިއެރުން ދެކޮޅު ނުޖެހޭކަމަށެވެ.

"އަޅުގަނޑަކަށްވެސް ނުފެނޭ ދެވަނަ ދައުރެއް ދޭކަށް. ދެވަނަ ދައުރެއް އަޅުގަނޑުމެން ދީފިކަމުގަވަންޏާމު މި އިގްތިސާދު ނެގުން އުނދަގޫވާނެ. ދެވަނަ ދައުރެއް ދިނުމަކީ އަޅުގަނޑުމެންގެ ކަރަށް ފައިން އެރުންކަހަލަ ކަމަކަށް ވާނެ. މިކަމާ ދޭތެރޭ ހުރިހާ ރައްޔިތުން ވިސްނާނެ ކަމަށް އުންމީދު ކުރަން." ފަޒުލް ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ދެކޮޅުހަދާ ޕީއެންސީގެ މެމްބަރު ފަޒުލް މަޖިލީހުގައި ވާހަކަ ދެއްކެވިއިރު، ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކުން އިއްޔެ ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދު ކުރައްވާކަން ސޯޝަލްމީޑިއާގައި ހާމަކުރަން ފަށާފައެވެ.

އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ކޯލިޝަނަކާއެކު ނިކުމެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އަށް ވެސް އަދި އެހެން ޕާޓީއަކަށް ވެސް އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު ތިބި ކޯލިޝަންގެ ބައިވެރިންނާއެކު ނިކުމެ އިތުރު ދައުރެއް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގެ ކޮންގްރެސް އިން ކަމަށެވެ. އަދި އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ވިދާޅުވިއެވެ.