Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

ހެނބަދޫ ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށް

ނ. ހެނބަދޫ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ 51 ޕަސެންޓް މަސައްކަތް ނިމިފައިވާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީއިން ހާމަކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މުޅި މަޝްރޫއުގެ 51 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި، އެގޮތުން ފެނުގެ ނިޒާމްގައި ހިމެނޭ 4.83 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިޓީ ބިލްޑިންގ މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާންގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ނިމިފައިވާކަމަށެވެ.

މީގެއިތުރުން ގޭގޭގައި ފެންމީޑަރ ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ. އަދި ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތާއި ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ހެނބަދޫ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއަކީ 41.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.