Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

"ރައްކާ ރޯޑް ސޭފްޓީ" ކެމްޕޭނާ ކުންފުނިތަކެއް ގުޅިއްޖެ

މަގުމަތީގެ ސަލަމާތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އުފައްދަން ފުލުހުން ކުރިއަށް ގެންދާ "ރައްކާ ރޯޑް ސޭފްޓީ" ކެމްޕޭނުގެ ޕާޓްނަޝިޕް އެއްބަަސްވުމުގައި މިއަދު ކުންފުނިތަކަކާ އެކީ ސޮއިކޮށްފި އެވެ.

އެއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޝީޝާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެލައިޑް އިންޝުއަރެންސް އެވެ.

އެ ކުންފުނިތަކާ އެކީ ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޝީޝާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ހުޝާމެވެ. އަދި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާނެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ތަފާތު އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވެ އެވެ. މީގެ ކުރިން ވެސް "ރައްކާ ރޯޑް ސޭފްޓީ" ކެމްޕޭނު އެކި ހިސާބުތަކުގައި ކުރިއަށް ގެންގޮސްފައި ވަނީ އެކިއެކި ކުންފުނިތަކުގެ އެހީތެރިކަމާ އެކީގަ އެވެ.