ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަބްދުﷲ އަލިމަނިކާ ދެކޮަޅަށް ކްރިމިނަލް ކޯޓުގައި ހެކިވެރިޔަކު ހެކިބަސް ދީފިއެެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމާލާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަލިމަނިކު ހައްޔަރުކުރިއިރު އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާއެވެ.
އޭނާއާގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ދެ ހެކިވެރިޔެއްގެ ހެކިބަސް މިއަދު ކުރިމިނަލް ކޯޓުގައި ނަގާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި ހެކިވެރިޔާއާއި ދެ ފޯނު ތަހުލީލުކުރި ހެކިވެރިޔާއެވެ.
އެގޮތުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި ހެކިވެރިޔާ ހެކިބަސްދެމުން ބުނެފައިވަނީ އަލިމަނިކަކީ 2000 ވަނަ އަހަރުން ފެށިގެން ހަރުކަށި ފިކުރުގެ ހަރަކާތްތަކުގައި އެކްޓިވްކޮށް އުޅޭ މީހެއް ކަމަށެވެ. އަދި މީހުން ރެކްރޫޓް ކުރުމުގައިވެސް އަލިމަނިކް ހަރަކާތްތެރިވާކަމަށް ބުނެފައިވެއެވެ. ހެކިވެރިޔާ ބުނެފައިވަނީ އަލިމަނިކަކީ ކުދިން ސްކޫލަށް ފޮނުވުމަށް ދެކޮޅުހަދާ ވެކްސިން ޖެހުމާ ދެކޮޅު ހަދާ އެކަންކަމަކީ ދީނާ ދެކޮޅު ކަމެއްކަމަށް ދެކޭ މީހެއް ކަމަށެވެ.
އެގޮތުން 2019 ވަނަ އަހަރު އަލިމަނިކް ހައްޔަރުކޮށް، ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލު ހިފުމުގެ ގޮތުން 2020 ވަނަ އަހަރު ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދީފައިވާކަމަށެވެ. އަދި އެކަމަކީ ބަދަލުހިފުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށްވެސް ހެކިވެރިޔާ ބުނެފައިވެއެވެ.
ދެވަނަ ހެކިވެރިޔާ ހެކިބަސްދެމުން ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުންހުރި ވީޑިއޯ އަދި ފޮޓޯތައް އޭނާގެ ފޯނުން ފެނިފައިވާ ކަމަށާއި އަދި ރައީސް ނަޝީދަށް ހަޖޫޖަހައި މަލާމާތްކޮށްފައިވާ މަންޒަރު ދައްކައިދޭ ފޮޓޯތަކާއި، އަލްގައިދާ ޓެރަރިސްޓް ޖަމާއަތާ ހުޅުންހުރި ފޮޓޯ ވެސް ފެނިފައިވާ ކަމަށެވެ.