Last Updated: April 16, 09:23
Tuesday, April 16, 2024
ޚަބަރު

ކަރަންޓް މީޓަރު ޓެސްޓްކުރުމުގެ ހިދުމަތަށް އިންގިލާބެއް

ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރ ޓެސްޓް ކުރުން މުޅި ރާއްޖޭގައި އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ފެނަކައިގެ ފަރާތުން މީޓަރ ޓެސްޓިން ބެންޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފެނަކަ އިން ބުނީ މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތް، މި މަސް ނިމުމުގެ ކުރިން ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތް ތަޢާރަފް ކުރުމުން، މިހާރު ރައްޔިތުންނަށް އެ ޚިދުމަތް ލިބޭ އަގަށްވުރެ އެތަށް ގުނައެއް އަގު ހެޔޮވެ، މިހާރު ޚިދުމަތަށް ނަގާ މުއްދަތަށް ވުރެ އަވަސްކޮށް ޚިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.

ފެނަކަ އިން ވަނީ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް، ޔުޓިލިޓީ ޚިދުމަތްތަކުގެ ދާއިރާގައި ރައްޔިތުންނަށް ތަކްލީފަކަށް ވެފައި ހުރި ކަންކަމަށް ލުއިފަސޭހަ ޙައްލު ހޯދައިދެވޭނެ މަގު ފަހި ކޮށްދީ، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ހެދުން ކަމަށް ބުނެފަ އެވެ.