Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ހަމަހަމަ ފުރުޞަތު ދިނުމުގައި އާދެވުނު ހިސާބު ރަނގަޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުޞަތު ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިއަދު ފެށޭ ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް މާލެއިން ފުރާ ދިވެހި ރާޒުވާ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެކި އުމުރުފުރައިގެ މީހުނަށް ކުޅެވޭ އެކިއެކި ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދީ އެ ކުޅިވަރުތައް ތަރައްޤީ ކުރުމަށްޓަކައި ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުޞަތު ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގެންގުޅޭ އެއް ސިޔާސަތަކީ ރާއްޖޭގައި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ކަމުގައި ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގައި ބޭރުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ދިވެހި ކުޅުންތެރިންނަށް އޭގެ ފައިދާ ކުރާނެ އަދި ރާއްޖޭގައި އެ ކުޅިވަރެއް ތަރައްޤީ ކުރުމަށް ލިބޭނެ ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެންޕިއަންޝިޕުގައި ނުވަ ޤައުމަކުން 8 އަހަރާ 18 އަހަރާ ދެމެދު 160 ރާޒުވާ ކުޅުންތެރިން ބައިވެރިވާނެ އެވެ. މި މުބާރާތުގައި ބައިވެރިވުމަށް މާލެއިން 30 ކުއްޖަކު އުކުޅަހަށް ފުރުމަށް ހަމަޖެހިފައިވާއިރު އުކުޅަހުން ވެސް ރާޒުވާކުޅޭ 30 ދިވެހި ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.